ކ. މާލެ
|
19 ފެބްރުއަރީ 2020 | ބުދަ 19:05
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
ޔޫސުފް ސޮފްވާން ރަޝީދު
އިކޮނޮމިކް މިނިސްޓަރު
ޓީއެމްއޭއަށް ބަދަލުދޭކަށް ނުޖެހޭ: ފައްޔާޒު
ނިންމުމަކީ ހުރިހާ ފަރާތްތަކަށްވެސް އެންމެ އިންސާފުވެރިކޮށް ގޮތަކަށް ނިންމިފައިވާ ނިންމުމެއް
ބަދަލު ދިނުން ގާތްކަމަށް ރައީސް ނަޝީދު ވިދާޅުވި
ދައުލަތަށް ގެއްލުންތަކެއް ވާނެ ކަމަށް އޭސީސީން ވަނީ ބުނެފައި

އައު ސީޕްލޭން ޓާމިނަލް ހިންގަން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ހަވާލުކުރިޔަސް، މައްސަލަ އޮތީ ޓްރާންސް މޯލްޑިވްސް އެއަރވެސް (ޓީއެމްއޭ) އަށް ބަދަލުދޭންޖެހޭ ހިސާބެއްގައި ނޫން ކަމަށް ސަރުކާރުން ބުނެފިއެވެ.

ސީޕްލޭން ޓާމިނަލް ދެ އަހަރު ދުވަހަކަށް ޓީއެމްއޭއަށްް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. ކޮމިޓީން ގޮތް ނިންމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން އެކަމާއި ގުޅޭ ގޮތުން ޓްވީޓެއްވެސް ކުރައްވާފައެވެ.

ނަޝީދު ވިދާޅުވެފައިވަނީ، ޓާމިނަލްގެ މައްސަލާގައި ހައްލެއް ނުހޯދިއްޖެނަމަ ދައުލަތުން ބަދަލުދޭންޖެހުން ގާތް ކަމަށެވެ. އެކަމަކު ރަސްމީ ސިފައެއްގައި ޓާމިނަލް ދިނުމާއި ގުޅޭ ގޮތުން އެއްވެސް އެއްބަސްވުމެއް ހެދިފައެއް ނުވެއެވެ.

އައު ޓާމިނަލް މައްސަލާގައި ސަރުކާރުގެ ނިންމުން، ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒުވެސް ވަނީ ހިއްސާކުރައްވާފައެވެ.

ބަދަލުދޭން ޖެހިދާނެކަމަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅުވައި ނޫސްވެރިޔަކު ސުވާލުކުރުމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ކުރީ ސަރުކާރުގައި ޓީއެމްއޭއާ ދެމެދު ޑްރާފްޓް އެގްރީމެންޓެއް ހެދި، ވާހަކަތަކެއް ދެކެވިފައިވާ ކަމަށެވެ. ގާނޫނީ ވަކީލުންގެ ރައުޔުތަކަށް ބަލައިފިކަމަށްވާނަމަ ބައެއް ފަހަރު އެގްރީމެންޓެއްގައި ސޮއިކުރެވިފައި ނެތްނަމަވެސް ބަނދެވޭ ބަނދެވުންތަކެއް ހުންނަ ކަމަށާއި، އެކަމަކު މިހާރު އޮތް ހާލަތުން ބަލާނަމަ ގާނޫނީ ގޮތުން އެއްވެސް ''ބައިންޑިން'' ނެތުމުން ބަދަލެއް ދޭން ނުޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަޅުގަނޑުމެން ބެލި ބެލުމުގައި މި ހާލަތުގައި އަޅުގަނޑުމެންނަށް އެއަކަށް ބަނދެވިފަކައެއް އަދިއަކު ނެތޭ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ބަދަލެއްދޭންޖެހޭ ހާލަތެއްގައި ކަމެއް އެކަމެއް އޮތީ.
ފައްޔާޒު އިސްމާއިލް - އިކޮނޮމިކް މިނިސްޓަރު

އެ ޕްރެސްކޮންފަރެންސްގައި، ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ސަރުކާރުން ނިންމި ނިންމުން ރިއާޔަތް ކޮށްފައިވަނީ، ބޭރުފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް އޮތް އިތުބާރާއި ޔަޤީންކަން ދެމެހެއްޓޭނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި ސަރުކާރުގެ ނިންމުމަކީ ހުރިހާ ފަރާތްތަކަށްވެސް އެންމެ އިންސާފުވެރިކޮށް ގޮތަކަށް ނިންމިފައިވާ ނިންމުމެއް ކަަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްއޭސީއެލް އަށް ވެސް، ސަރުކާރަށްވެސް، ރައްޔިތުންނަށް ވެސް ޓީއެމްއޭ އަށް އެންމެ އިންސާފުވެރިކޮށް ނިންމިފައި އިން ނިންމުމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން.
އިބްރާޙިމް އަމީރް - ފިނޭންސް މިނިސްޓަރު

އަމީރު ވިދާޅުވީ، ދެ އަހަރު ދުވަހުގެ ތެރޭގައި އެމްއޭސީއެލުން ހަދަން ޖެހޭ އެޗްއާރް ޕްލޭން ހެދި، ދެ އަަހަރު ފަހުން ފުލް އޮޕަރޭޝަން އެމްއޭސީއެލުން ނަގާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ސަރުކާރުން ނިންމި ނިންމުން:

  1. ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އަށް، މިހާރު އެ އޮޕަރޭޓަރު ބޭނުންކުރަމުންދާ ލައުންޖުގެ ޖާގައިގެ ބޮޑު މިނާއި އެއްވަރަށް، މިހާރުވެސް އެފަރާތުން ކުއްޔަށް ހިފާފައިވާ ޗިޓްގައި އައު ސީޕްލޭން ޓާރމިނަލުން، 2 އަހަރު ދުވަހުގެ މުއްދަތަށް ޖާގަ ކުއްޔަށް ދިނުން.
  2. މަންތާ އެއަރ އަށް، އެފަރާތުގެ މިހާރުގެ އޮޕަރޭޝަނަށް އެކަށީގެންވާ ލައުންޖު ޖާގަ މިހާރުވެސް އެފަރާތުން ކުއްޔަށް ހިފާފައިވާ ރޭޓްގައި، 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުން.
  3. އޮޕްރޭޓަރުންނަށް ލައުންޖް ޖާގަ ހަމަޖެއްސުމަށްފަހު، ބާކީވާ ލައުންޖް ސްޕޭސް އަށްވާ ޖާގަ، ޑިމާންޑަށް ބަލައި، ޓެންޑަރ އުސޫލުން އެމްއޭސީއެލް އިން ހުޅުވާލައި، ވާދަވެރި ރޭޓްތަކެއް ދެމެހެއްޓޭނެފަދަ ގޮތަކަށް ދޫކުރުން.
  4. އައިލަންޑް އޭވިއޭޝަނުން މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓަރމިނަލްގެ ޖާގަ ކުރިއަށް އޮތްތަނުގައިވެސް އެފަރާތުން ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެފަރާތަށް އެކަން ކުރިއަށް ގެންދެވޭނެ މަގުފަހިކުރުން.
  5. 2 އަހަރުގެ މުއްދަތުގެ ތެރޭގައި އައު ސީޕްލޭން ޓަރމިނަލްގެ ފުލް އޮޕަރޭޝަންސް އެމް.އޭ.ސީ.އެލްއިން އިންޑަސްޓްރީގެ އިތުބާރާއެކު ހިންގޭނެގޮތަށް ޕްލޭނެއް އެކުލަވާލައި އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.

ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ބަޔަކު އަމަލުކޮށްފައިވާނަމަ އެ ފަރާތްތަކާއި މެދު ޖިނާއި ތަހުގީގެއް ހިންގުން އެއީ ސަރުކާރުންވެސް ބޭނުންވާ ގޮތް ކަމަށް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

- ކޮމެންޓް