މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ އައު ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޭން އުޅޭކަމަށް ބުނެ އެކަމުގައި ކޮރަޕްޝަންގެ ގިނަ ކަންތައްތައް ހުރި ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް އަންނަނީ ތަހުޤީޤުކުރަމުންނެވެ.
އެމްއެމްއޭސީއެލްގެ އިސްވެރިންނާއި މަންތާ އެއަރވޭސްގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އިސްވެރިން ވަނީ އެ ކޮމެޓީއަށް ހާޒިރުކޮށްފައެވެ. އަދި މި މައްސަލައާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުޤީޤުގެ މައްޗަށް އެކުލަވާލި ރިޕޯޓް ވަނީ ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައެވެ. މި ރިޕޯޓުން ގިނަކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ.
އެގޮތުން އޭސީސީން ފާހަގަކޮށްފައިވާ އެއް ކަމަކީ 2017 ވަނަ އަހަރު އެމްއޭސީއެލުން ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ސީޕްލޭން އޮޕަރޭޓަރުންނަށް އައު ސީޕްލޭން ޓާމިނަލުން ޖާގަ 10.35 ޑޮލަރުގެ ރޭޓުގައި ކުއްޔަށް ދޫކުރުމަށް މަޝްވަރާކުރިއިރު ކުރީގެ އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގަޔާއި މިހާރު ބޯޑުގައި ތިބި ބައެއް ފަރާތްތަކާއި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ބައެއް ފަރާތްތަކާއި ޓީއެމްއޭއާ މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޑެޓްގެ މެދުގައި އާއިލީ އަދި ވިޔަފާރީ ގުޅުން އޮތްކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެމްއޭސީއެލްއާ މިފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހާ އެއްބަސްވުންތަކާއި ނިންމާ ނިންމުންތަކުގައި އެ ފަރާތުގެ މަސްލަހަތު ފުށުއަރާކަން އޭސީސީގެ ތަހުޤީޤު ރިޕޯޓުން ވަނީ ހާމަވެފައެވެ.
މި މައްސަލައިގެ ތަހުޤީޤުން އެނގިފައިވަނީ އެމްއޭސީއެލުން ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމެވެ. އަދި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖީނާއީ ތަހުޤީޤެއް ވަކި މައްސަލައެއްގެ ގޮތުގައި އޭސީސީ އިން ކުރިއަށްގެންދާ ވާހަކަ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުން ފާހަގަވާން ހުރި ކަންކަމުގެ ތެރޭގައި އެމްއޭސީއެލުން ފައިދާ ނުވާގޮތަށް އައު ސީޕްލޭން ޓާމިނަލް ދޫކުރުމަށް ހުށަހެޅިކަން ފާހަގަވެ އެވެ. އެގޮތުން އެމްއޭސީއެލުން ވަނީ އައު ސީޕްލޭން ޓާމިނަލުން ޖާގަ އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ކުއްޔަށް ދޫކުރުމަށް ސީޕްލޭން އޮޕަރޭޓަރުންނާއެކު މަޝްވަރާކޮށްފައެވެ. އެހެންނަމަވެސް މިއީ އެމްއޭސީއެލުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުރި އެހެން އިމާރާތްތަކުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގަށް ބަލާއިރު ކުޑައަގެއް ކަމަށް އޭސީސީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އެމްއޭސީއެލުން އެއަރޕޯޓުގެ އެހެން އިމާރާތްތަކުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އެވެރެޖް ރޭޓަކީ އަކަމީޓަރަކަށް 48.70 ޑޮލަރުކަން ފާހަގަކޮށް ތަހުޤީޤު ރިޕޯޓުގައި ބުނެފައިވަނީ އެ ރޭޓާ އަޅާކިޔާއިރު އައު ސީޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދޫކުރުމަށް ހުށަހަޅާފައިވަނީ ވަރަށް ކުޑަ ރޭޓެއް ކަމަށެވެ.
އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓާމިނަލް އިން އެކި ރިސޯޓުތަކަށް ލައުންޖް ހެދުމަށް ޖާގަ ކުއްޔަށް ދޫކޮށްފައިވަނީ އަކަމީޓަރަކަށް 174.92 އާއި 314.57 ޑޮލަރަށެވެ. ނަމަވެސް އެމްއޭސީއެލުން ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން ހުށަޅާފައިވަނީ 10.35 ޑޮލަރަށެވެ. އެހެންކަމުން ކޮންމެ އަކަމީޓަރަކުން 164.57 ޑޮލަރާއި 304.22 ދެމެދުގެ ގެއްލުމެއް މަހެއްގެ ލިބޭނެކަން ވެސް މި ތަހުޤީޤު ރިޕޯޓުން ހާމަވެއެވެ.
ރިޕޯޓުން އިތުރަށް ހާމަވާން އޮތްކަމަކީ ލައުންޖް ހަދަން ކުއްޔަށް ދޭން ހުށަހަޅާފައިވާ އަގުކަމުގައިވާ 10.35 ޑޮލަރުގެ ރޭޓުން ކުއްޔަށްދީފިކަމުގައިވާނަމަ އެމްއޭސީއެލުން ރިސޯޓަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އެންމެ ބޮޑު އަގުކަމުގައިވާ 314.57 ޑޮލަރުގެ ރޭޓުން ބަލައިފިނަމަ އަހަރެއްގެ މައްޗަށް ފަންސާސް ފަސް މިލިއަން ފަސްދޮޅަސް ދެ ހާސް ހަ ސަތޭކަ ތިން ޑޮލަރާއި ބާރަ ސެންޓްގެ ގެއްލުން ވާނެ ކަމަށެވެ. އަދި މަހަކަށް 174.92 ޑޮލަރުގެ ރޭޓުން ބަލައިފިނަމަ ނަވާވީސް މިލިއަން ހަތްސަތޭކަ އަށްޑިހަ ހަ ހާސް ފަސްސަތޭކަ އެގާރަ ޑޮލަރާއި ހަތްދިހަ ދެ ސެންޓުގެ ގެއްލުން އެމްއޭސީއެލްއަށް ވާނެ ކަމަށެވެ.
އޭސީސީ އިން ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެނިހެން ކަންތައްތައް
- މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ބިޑް އުސޫލުން އެއަރޕޯޓުން ލައުންޖް ހެދުމަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އެވެރެޖް ރޭޓަކީ 252 ޑޮލަރުކަން
- ލައުންޖް ހިންގުމަށް އަކަމީޓަރަކަށް 176 ޑޮލަރާއި 240 ޑޮލަރާއި ދެމެދުގެ އަގުތަކަށް މިހާރު ވެސް ސީޕްލޭން އޮޕަރޭޓަރުންނަށް ކުއްޔަށް ދޫކޮށްފައިވާކަން އަދި ބައެއް އޮޕަރޭޓަރުންނަށް އެއަށްވުރެންވެސް ބޮޑު އަގުގައި ލައުންޖް ހިންގުމަށް ރިސޯޓުތަކަށް ދޫކޮށްފައިވާކަން
- އިންޓަރނޭޝަނަލް ޓާމިނަލް ސަރަހައްދުން ޖާގަ ކުއްޔަށް ދޭ ރޭޓުގައި ސީޕްލޭން އޮޕަރޭޝަން ހިންގާ ސަރަހައްދުން ޖާގަ ކުއްޔަށް ދޫނުކުރެވޭނެކަމަށް އެމްއޭސީއެލް އިން ބުނި ނަމަވެސް އިންޓަރނޭޝަނަލް ޓާމިނަލް ސަރަހައްދުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ ރޭޓުގައި ނުވަތަ އެއާ ގާތްކުރާ ރޭޓެއްގައި އައު ސީޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދޫކުރެވޭނެކަން
ރިޕެއަރ އެންޑް އޯވަރހޯލް ފެސިލިޓީ(އެމް.އާރް.އޯ)
- ރިޕެއަރ އެންޑް އޯވަރހޯލް ފެސިލިޓީ ކުޑަ ރޭޓުން އެކަމުން އެމްއޭސީއެލްއަށް ލިބެން އޮތް ފައިދާ ކުޑަވާނެކަން
- ދައުލަތުގެ ޚަރަދުގައި ހަދާ އައު ސީޕްލޭން ޓާމިނަލްގެ ދަށުން ޤާއިމުކުރާ މަލްޓި އޮޕަރޭޓަރ ޓާމިނަލަކާ ގުޅިގެން ބިނާކުރި ހަމައެކަނި އެމްއާރްއޯ ފެސިލިޓީ އަކީ ޓީއެމްއޭއަށް ދޫކޮށްފައިވާ ބިމުގައި އެކުންފުނިން އަމިއްލަށް ބިނާކުރި ދެ އެމްއެމްއާރްއޯ ފެސިލިޓީ އެއްކޮށްލުމުން ވާ ޖާގައަށްވުރެން ބޮޑު ޖާގައެއްކަން
އެމްއޭސީއެލުން މި މައްސަލާއާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް އޮފީހަށް ފޮނުވި ސިޓީގައި އެމްއޭސީއެލް ހާހެއްހާ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އަދި ސީޕްލޭން ޓާމިނަލްގެ މަސައްކަތް އެމްއޭސީއެލްގެ އަތުން ނަގަން ވަނީ އެ ކުންފުނީގެ އޮޕަރޭޝަނަށް ހީނަރުކަމެއް ނާންނާނެހެން ކަމަށް ބުނެފައިވެއެވެ. ނަމަވެސް އައު ސީޕްލޭން ޓާމިނަލް އިމާރާތް ކުރުމުގެ މަޝްރޫއު ފަށާފައިވަނީ 2017 ވަނަ އަހަރުކަމުން, އައު ސީޕްލޭން ޓާމިނަލq ހުޅުވެންވާއިރަށް ދުރާލާ ތައްޔާރުވެގެން މުވައްޒަފުން ތަމްރީނު ކުރިނަމަ އެކަން ކުރެވުނީސްކަމަށް އޭސީސިގެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
އައު ސީޕްލޭން ޓާމިނަލްގެ މަޝްވަރާ މަސައްކަތް 27 އޭޕްރިލް 2015 އިން ފެށިގެން ކުރިއަށް ގެންގޮސްފައިވީނަމަވެސް އެމްއޭސީއެލުން އައު ސީޕްލޭން ޓާމިނަލް ހިންގުމަށް ފަށާނެ ގޮތުގެ އޮޕަރޭޝަނަލް ޕްލޭނާއި ރޯލް އޯވަރ ޕްލޭން ތައްޔާރުކޮށްފައިނުވާކަން ތަހުޤީޤު ރިޕޯޓުން ހާމަވެއެވެ.
އެމްއޭސީއެލުން 2018 ވަނަ އަހަރު އަދި 2019 ވަނަ އަހަރު ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ޓާމިނަލް އިން އިޝްތިހާރުތައް ބެހެއްޓުމަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގަކީ 557.50 އަކާއި 4025 ޑޮލަރުގެ އަގަކަށެވެ. އެހެންކަމުން ސީޕްލޭން އޮޕަރޭޓަރުންނަށް އެހާ ބޮޑު ޖާގައެއް ދޫކޮށްފިނަމަ އައު ސީޕްލޭން ޓާމިނަލް އިން އިޝްތިހާރުތައް ބެހެއްޓުމުގެ ޖާގަ ކުޑަވެގެންދާނެއެވެ. އަދި އިޝްތިހާރުތައް ބަހައްޓަން ޖާގަ ކުއްޔަށް ދޫކޮށްގެން އެ ކުންފުންޏަށް ލިބެން އޮތް ފައިދާ ވެސް ގެއްލިގެންދާނެއެވެ.
އެމްއޭސީއެލުން ވެލާނާ އިންޓަނޭޝަން އެއަރޕޯޓުން ޓީއެމްއޭއަށް ދޫކޮށްފައިވާ ބިމުގައި ޓީއެމްއޭއިން އަމިއްލަ ހަރަދުގައި ބިނާކުރި ދެ އެމްއާރްއޯ ފެސިލިޓީ އެއްކޮށްލުމުން ވާ ޖާގައަށްވުރެ އެމްއޭސީއެލް އިން ހެދި އައު އެމްއާރްއޯ ފެސިލިޓީ ބޮޑުވާނެކަމަށް ތަހުޤީގަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭސީސީގެ ރިޕޯޓްގައި ބުނެފައިވެއެވެ.
އަދި މޯލްޑިވިއަން އިން މިހާރު ބޭނުންކުރަމުންދާ އެމްއާރްއޯ ފެސިލިޓީ އަކީ ޓީއެމްއެކޭ އެއްފަދައިން އައިލެންޑް އޭވިއޭޝަން ސާވިސަސް އިން އަމިއްލަ ހަރަދުގައި ޤާއިމުކޮށްފައިވާ ތަނަކަށްވެފައި, އައު ސީޕްލޭން ޓާމިނަލަކީ މަލްޓި އޮޕަރޭޓަރުންނަށް އަމާޒުކޮށްފައިވާ ތަނަކަށްވާއިރު އެތަނުގައި ހުންނަން ޖެހެނީ އެންމެ އެމްއާރްއޯ ފެސިލިޓީއެއް ނޫންކަން ތަހުޤީޤަށް ޤަބޫލުކުރެވޭކަމަށްވެސް ރިޕޯޓްގައިވެއެވެ.
ކޯޑް އޮފް ރަންވޭ އޮޕަރޭޓް ކުރުމަށްޓަކައި ޓީއެމްއޭ ރީލޮކޭޓްކުރަން ޖެހުނަސް އެމްއޭސީއެލް އިން ޓީއެމްއޭ ރީލޮކޭޓްވުމަށް ނުވަތަ ރީލޮކޭޓްވާން ޖެހުމާއި ގުޅޭ އެއްވެސް ބަދަލެއް ދޭން ޖެހޭނެކަމަށް މިހާތަނަށް އެއްވެސް ލިޔުމަކުން ފެންނަން ނެތްކަމަށް ބަޔާންކޮށްފައިވާއިރު ކުޑައަގެއްގައި އެމްއޭސީއެލުން ޓީއެމްއޭއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކުރަން އުޅޭ ކަމެއްގެ ގޮތުގައި ތުހުމަތުކުރެވޭ ކަމަށްވެސް މިރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.
ދުރާލާ މުވައްޒަފުންތައް ނަގައި ތަމްރީނުކޮށްފައިނުވާތީ އެކަމުން ފާހަގަވަނީ އެމްއޭސީއެލުން އެންމެ ކުރީއްސުރެން ވިސްނުން ގެންގުޅެފައިވަނީ ސީޕްލޭން އޮޕަރޭޓަރުންނަށް އައު ސީޕްލޭން ޓާމިނަލް ހިންގުން ހަވާލުކުރުމަށް ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓްގއި ވެއެވެ.
އައު ސީޕްލޭން ޓާމީނަލް ހިންގުމަށް އެމްއެމްއޭސީއެލަށް 3 އަހަރު ދުވަހުގެ މުއްދަތެއްކަން ފާހަގަކޮށް އޭސީސީ އިން ބުނީ އެއީ ކުޑަ ރޭޓެއްގައި ޓީއެމްއޭއަށް ވީހާވެސް ގިނަ ދުވަހުގެ މުއްދަތަށް ފައިދާ ހޯދައިދިނުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ކޮށްފައިވާކަމެއްކަމަށެވެ.
އައު ސީޕްލޭން ޓާމިނަލުން ޖާގަކުއްޔަށް ދޫކުރުމަށް އެމްއޭސީއެލުން އެއްބަސްވުމެއް ޑްރާފްޓްކޮށް ޓީއެމްއޭއާ ހިއްސާކޮށް، ޑްރާފްޓް ފައިނަލްކޮށްފައިވެއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމާއި ގުޅޭގޮތުން ދެ ފަރާތުން ފޯނުން ގުޅާ މުއާމަލާތްކޮށްފައިވާ ކަމަށް ވެސް ތަހުޤީޤު ރިޕޯޓުން ވަނީ ހާމަވެފައެވެ.
މީގެ އިތުރުން ޓީއެމްއެމްއޭ އާއި އެމްއޭސީއެލްއާ ދެމެދު ބަދަލުކޮށްފައިވާ އީމެއިލްތަކުން އެނގެން އޮތް ގޮތުގައި އެފަދަ އެއްބަސްވުމެއް ޑްރާފްޓްކޮށްފައިވަނީ ޓީއެމްއޭއާ އެއްކޮށް އެކަނިއެވެ. އަދި މިކަމަކީ ވެސް އައު ސީޕްލޭން ޓާމިނަލްގެ ބޮޑުބައެއް ޓީއެމްއޭއަށް ނުއަގުގައި ކުއްޔަށްދީ ޓީއެމްއޭއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި އޭސީސީ އިން ތުހުމަތުކޮށްފައިވެއެވެ.