Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 15:09
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް
މިބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާޤުން
ބިލްގެ ބޭނުމަކީ ދިވެހިރާއްޖޭގައި ވިޔަފާރި ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުން

ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ ހުށަހެޅުއްވި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އިޤްތިޞާދީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާޤުންނެވެ.

މިބިލު ހުށަހަޅުއްވަމުން ބިލު ހުށަހެޅުއްވި މެންބަރު ވިދާޅުވީ ބިލު ހުށަހެޅުއްވި ބޭނުމަކީ ދިވެހިރާއްޖޭގައި ވިޔަފާރި ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމަށާއި ވިޔަފާރީގެ ދާއިރާގެ ކަންކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލުތަކުގެސަބަބުން ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ކަމަށެވެ. މީގެއިތުރުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި އެފަދަ ވިޔަފާރީގެ ޢަމަލުތައް މަނާކުރުމާއި، އެފަދަ ޢަމަލުތައް ހިންގާފަރާތްތަކަށް ފިޔަވަޅުއެޅުމާގުޅޭ އުޞޫލުތައް ބަޔާންކުރުމާއި، ވިޔަފާރީގެ ބާޒާރުގައި ނުފޫޒު ފޯރުވޭ މަޤާމެއް ލިބިފައިވާވިޔަފާރިއަކުން އެފަދަ މަޤާމެއްގެ ބޭނުން ނަހަމަގޮތުގައި ހިފުން މަނާކުރުމަކީވެސް މިބިލު ހުށަހަޅުއްވާ ބޭނުމެއްކަމަށް ރާއީ ވަނީ ވިދާޅުވެފަ އެވެ.

Advertisement

އަދި އެއް ވިޔަފާރިއެއް އަނެއް ވިޔަފާރި އާއެއްކުރުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއެޅިގެންދާ ދިޔުން ކޮންޓްރޯލްކުރުމުގެ ގޮތުންކަމާ ބެހޭ އުޞޫލުތައް އެކުލަވާލުމާއި، އަދި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާބެހޭ ކަންކަންބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމަކީވެސް މިބިލު ހުށަހެޅުއްވުމެ މަޤްޞަދެއްކަމަށް ރާއީ ވިދާޅުވި އެވެ.

މިބިލުގެ ބަހުޘް މަރުޙަލާގައި މެންބަރުން ވަނީ ރާއްޖޭގައި މޮނޮޕޮލީގެ އުޞޫލުން ވިޔަފާރިތައް ހިންގޭތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ވަކިން ޚާއްޞަކޮށް މުއާޞަލާތްކުރުމުގެ ނިޒާމުގައި ދިރާގާއި އުރީދޫ އޮވެގެން އަގު ބޮޑުކޮށް ޚިދުމަތް ދެމުންގެންދާކަން ގިނަ މެންބަރުން ވަނީ ފާހަގަކުރައްވާފަ އެވެ. މިކަމުގެ ސަަބަބުން ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށް މެންބަރުން ފާހަގަކުރެއްވި އެވެ.

މިބިލަށް ފަހުބަސް ވިދާޅުވުމަށް ލިބިވަޑައިގެންނެވި ފުރުޞަތުގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ މިބިލު ސަރުކާރުން ހުށަހަޅާފައިވަނީ މުހިންމު މަޤުޞަދެއްގައި ކަމަށެވެ. އެހެންނަމަވެސް މިހާރު ސުވާލު އުފެދޭ ކަމަކީ ކިތަންމެ ރަނގަޅު މަޤްސަދެއްގައި މިސަރުކާރުން ހުށަހަޅާ ބިލުތައް ޤާނޫނަކަށް ވެގެން ނިކުމެ އެބިލުތަކާއި، އެ ޤާނޫނުތައް ކޯލިޝަން ސަރުކާރުގައި ތިއްބަވާ ވަޒީރުންނަށް ތަންފީޒުވެގެން ނުދާތީކަމަށެވެ. މީގެއިތުރުން ރާއީ ވިދާޅުވީ މިބިލުގައި ވިޔަފާރިތައް ހުޅުވާލާ ހިމާޔަތްކުރުމުގެ ވާހަކަ ދައްކާއިރު އެއާ ސީދާ ދެކޮޅަށް ހިނގާ ކަންކަން ރާއްޖޭގައި އެބަހުރި ކަމަށެވެ.

ފުރަތަމަ ކަމަކަށް ރާއްޖެއަށް ބަލާއިރު މިއޮތީ ދެ ނެޓްވޯރކެއް. 2020 ގައި މިތިބީ އަޅުގަނޑުމެން. ދިރާގާއި އުރީދޫ އާއި ދެން ވިޔަފާރި އެއްކޮށްގެން އެދެބައި މީހުން އެކުވެގެން މިހާރު އަސްލު ދިވެހި ރައްޔިތުން ފެލަނީ. ދެން އެހެންކަމަކަށް ބަލާއިރު މިހުރިހާ ދުވަހަކު މީޑިޔާ އޮތީ ހިސާރުކޮށްފައި. ދެން މިހާރުކޮންމެސް ވަރަކަށް ހުޅުވާލެވިގެން އައިސް އެކި މައުލޫމާތު ލިބޭ. ސްކޫލްތަކަށް ބެލިއަސް ޚާއްސަކޮށް އިންޓަނޭޝަނަލް ސްކޫލްތަކަށް ބަލާއިރު ވަކިބަޔަކަށް ދެން އޮޑިޓް ފާމްތައްވެސް ވަކި ބަޔަކަށް ދެން މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ހެލްތު މިނިސްޓްރީ މެންޑޭޓްތެރޭގައި ހިމެނޭ ކަމެއް ބޭސް ފަރުވާއަކީ. ރަށްރަށުގައި ޕެރެސެޓްމޯލް ގުޅައެއްވެސް ލިބޭކަށް ނުހުރޭ ހެލްތު ސެންޓަރުތަކުން. ރާއްޖެއަށް ބޭސް މިގެންނަ މިހުންނަނީ ކުންފުނިތަކެއް އެއީ ދެން ސަރުކާރަށްވެސް އެނގޭ އެބޭފުޅުން އެބޭސްތައް އެތެރެ ކުރާގޮތްވެސް އެނގޭ އެމީހުންގެ އަތްދަށުވެފައި އޮތީ ބޭސް އެތެރެކުރުން. މިއީ ވަރަށް ސާފުކޮށް އެނގޭ ކަމެއް.
މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާއީ

ރާއީ ވިދާޅުވީ މިބިލު ކޮމިޓީ މަރުޙަލާއިން ނިމިގެން އަންނައިރު ތަޅުމުގައި މެންބަރުން ދެއްކެވި ވާހަކަތަކަށް ރިޢާޔަތް ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް