Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 13:12
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ
ޔޫސުފް ސޮފްވާން ރަޝީދު
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް
އެމްއެމްޕީއާރްސީއާއެކު ޓޫރިޒަމް މިނިސްޓްރީން ހިންގާފައިވާ މުއާމަލާތްތައް ހާމަކުރަން އައިކޮމްއިން އަންގައިފި!
މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅީ މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން
ތަހުގީގުކުރަމުންދާ މައްސަލައެއް ކަމަށްބުނެ ޓޫރިޒަމް މިނިސްޓްރީން ވަނީ މައުލޫމާތު ދިނުމަށް އުޒުރުވެރިވެފައި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަައިގައި، އެ ކުންފުންޏާއެކު މިނިސްޓްރީ އޮފް ޓޫރިޒަމުން ހިންގާފައިވާ މުއާމަލާތްތަކާއި ގުޅޭ ލިޔެކިޔުންތައް މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) އަށް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު އަންގަވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ މިފަދައިން ޓޫރިޒަމް މިނިސްޓްރީއަށް އެންގެވީ، އެމްޓީޔޫއިން އެ ކޮމިޝަނަރުގެ އޮފީހަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން ބޭއްވި އަޑުއެހުމުގައެވެ. އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމަށް މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ މިނިސްޓްރީ އޮފް ޓޫރިޒަމް ހާޒިރުވެފައެއް ނުވެއެވެ.

ޓްރޭޑް ޔޫނިއަންގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގައި އެދުނީ، އެ ވުޒާރާއިން އެމްއެމްޕީއާރްސީއަށް އެއްވެސް ރަށެއް ނުވަތަ ފަޅެއް ކުއްޔަށް ދީފައިވޭތޯ ބެލުމަށާއި، ކުއްޔަށް ދީފައިވާނަމަ، އެތަންތަނާ ގުޅޭ ލީސް އެގްރީމަންޓްތައް ހާމަކުރުމަށެވެ. ނަމަވެސް، އެމައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ބުނެ، ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހާމަކުރަން އުޒުރުވެރިވެފައެވެ.

Advertisement

އަންގާރަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގައި ބޭއްވި އަޑުއެހުމުގައި ޓްރޭޑް ޔޫނިއަންގެ ފަރާތުން ވަނީ މިމައްސަލައިގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އެގޮތުން ތަހުގީގެއް ހިނގި ކަމުގައިވީ ނަމަވެސް، ލީސް އެގްރީމަންޓްތަކާ ބެހޭ މައުލޫމާތު ހާމަނުކުރަންވީ ސަބަބެއް ނެތްކަމަށް ބުންޏެވެ. އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒްވެސް ވަނީ މިކަމަށް ތާއީދުކޮށް އަޑު އެހުމުގައި ވާހަކަދައްކަވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މި އެންގުމާއެކު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކުރިޔަށް އޮތް 45 ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން އެ މައުލޫމާތު ހާމަކުރަން ޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ހާމަނުކޮށްފި ހާލަތެއްގައި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ އިޙްތިޔާރު، މައްސަލަ ހުށައެޅި ފަރާތްކަމުގައިވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަންއަށް ލިބޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް