Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 12:46
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކުގެ މައްޗަށް ތައްޔާރުކުރި ރިޕޯޓު ހުށަހަޅައިފި
އިންކުއަރީގެ މަޤްޞަދަކީ، ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް އިންސާފު ލިބިފައިވާ މިންވަރު ދެނެގަތުން
އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ފުލުހުންނަށް ތަހުގީގު ކުރެވިފައެއް ނުވޭ: ރިޕޯޓު
ފުލުހުންނަށް ހުށަހަޅާފައިވާ ގިނަ މައްސަލަތައް ތަޙްޤީޤުކުރުމަށް ދިގު މުއްދަތެއް ހޭދަވެފައިވޭ

ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި ގުޅޭ މައްސަލަތަކުގެ މައްޗަށް ތައްޔާރުކުރި ޕާލިމެންޓްރީ އިންކުއަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ރިޕޯޓު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކުގެ ގިނަ މައްސަލަތަކެއް ކޮމިޓީގެ ސަމާލު ކަމަށް އައުމާއި ގުޅިގެން ކަމަށް ޖީހާން ވިދާޅުވިއެވެ.

މި ޕާލިމަންޓަރީ އިންކުއަރީއަކީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ނުލިބުމުގެ ޝަކުވާތައްތަކުރާރުކޮށް ކޮމިޓީއަށް ހުށަހެޅެމުން ދާތީ، ކޮމިޓީގެ އިސްނެގުމަށް ކުރިއަށްގެންގޮސްފައިވާ ދިރާސާއެކެވެ. މި އިންކުއަރީގެ މަޤްޞަދަކީ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް އިންސާފު ލިބިފައިވާ މިންވަރު ދެނެގަތުން ކަމަށް ކޮމިޓީން ބުނެއެވެ.

އިންކުއަރީގެ ބޭނުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ މަޢުލޫމާތު ކޮމިޓީން ހޯދާފައިވެއެވެ. އަދި، އެ މުއައްސަސާތަކުގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާ ގުޅޭގޮތުން ޢަމަލުކުރަމުންދާ އުސޫލުތައް ނުވަތަ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ ތަކާއި އެ މުއައްސަސާތަކަށް އެފަދަ މައްސަލަތަކާގުޅިގެން ކުރިމަތިވާ ގޮންޖެހުންތައްވެސް ކޮމިޓީއާ ލިޔުމުން ހިއްސާކޮށްދިނުމަށް އެދިފައިވެއެވެ. އެހެންނަމަވެސް، ކޮމިޓީން އެދިފައިވާ ގޮތަށް އެ މަޢުލޫމާތު ހިއްސާކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމަށް ކޮމިޓީން ބުނެއެވެ.

Advertisement

އެގޮތުން، ފުލުހުންނަށް މި ވޭތުވެދިޔަ 15 އަހަރު ހުށަހަޅާފައިވާމައްސަލަތަކުގެ ތެރެއިން %70.46 މައްސަލައިގެ ތަޙްޤީޤު ނިންމުމަށް 1 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވާ ކަން ވެސް ވަނީ ހާމަވެފައެވެ. މިއީ، ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ކުޑަކުދިންނަށް އިންސާފު ލިބުމަށް އެޅިގެންދާ ހުރަހެއް ކަމާއި، މިކުދިންނާއި އިތުރުކުޑަކުދިންތަކެއް ނުރައްކަލަށް ހުށަހެޅިގެންދިއުމަށް ދެވޭ ފުރުޞަތެއްކަން ފާހަގަކުރެވިފައިވާކަމަށާއި މީގެ އިތުރުން، ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން އެއް ޑޭޓާބޭސްއެއް ބޭނުންކުރަމުން ނުދާކަން ކޮމިޓީއަށް ފާހަގަވެފައިވެއެވެ. އަދި އެކަމުގެ ސަބަބުން އެކި މުއައްސަސާތަކުން ކޮމިޓީއާ ހިއްސާކޮށްފައިވާ މަޢުލޫމާތް އަޅާކިޔުމަށް ދަތިތަކެއް ކުރިމަތިވެގެންދިޔަ ކަމަށް ރިޕޯޓުގައިވެއެވެ.

ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ކޮމިޓީން ވަނީ 4 ކަމެއް ހުށަހަޅާފައެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކުގެ މައްސަލަތައް ތަހުގީގުކޮށް، އިންސާފުވެރި ޝަރީއަތެއް ހިންގުމަށްޓަކައި އިންޓަރ-އޭޖެންސީ ސްޓޭންޑަރޑް އޮޕރޭޓިންގް ޕްރޮސީޖަރ އެއް އެކުލަވާލާ އަމަލު ކުރަން ފެށުމަށް ހުށަހަޅާފައިވެއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ގާނޫނުގައި ބަޔާން ކުރާ "ޗައިލްޑް ރައިޓްސް އޮމްބަޑްސްޕަރސަން އަޅާ ފިޔަވަޅުތައް ކޮމިޓީއާއި ހިއްސާ ކުރުމުގެ އިތުރުން ކަމާބެހޭ ހުރިހާ މުއައްސަސާއަކުން މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް އަޕްޑޭޓްކޮށް ބަލަހައްޓަމުން ގެންދިއުމަށްވެސް ހުށަހަޅާފައިވެއެވެ.

އޭގެއިތުރުން، ކަމާބެހޭ މުއައްސަސާތަކުން އެފަދަ މައްސަލަތަކުގެ ސްޓޭންޑަރޑް އޮޕަރޭޓިންގް ޕްރޮސީޖަރތައް ގަވާއިދުން މުރާޖާކުރާނެ ނިޒާމެއް ގާއިމު ކުރުމަށާއި މައްސަލަ އަވަސް ކުރުމަށްޓަކައި އެފަދަ މައްސަލަތައް ބަލަންވާނީ އެކަށީގެންވާ ތަމްރީނުތައް ލިބިފައިވާ ފަރާތްތަކުން ކަން ކަށަވަރު ކުރުން ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް