Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 17:15
އެސްއޯއީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން--
އެސްއޯއީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން--
މަޖިލިސް
އިންފޮމޭޝަން ކޮމިޝަނަރު/އެމްޓީސީސީ
އިންފޮމޭޝަން ކޮމިޝަނަރާއި އެމްޓީސީސީއާ ދެމެދު ހިޔާލުތަފާތުވެފައިވާ މައްސަލައަށް ގޮތެއް ނިންމާނީ ކޯޓުން!
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނަނީ މައުލޫމާތު ހޯދާލިބިގަތުގެ ގާނޫނުގެ ދަށުން އެމްޓީސީސީން މައުލޫމާތު ހާމަ ކުރަން ޖެހޭ ކަމަށް
އެމްޓީސީސީން ބުނަނީ މައުލޫމާތު ހޯދާލިބިގަތުގެ ގާނޫނުގެ ދަށުން މައުލޫމާތު ހާމަކުރަން ނުޖެހޭ ކަމަށް
ހޯދަން އެދިފައިވަނީ އެމްޓީސީސީގެ މުސާރައިގެ އޮނިގަނޑު

މައުލޫމާތު ހާމަކުރުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި އެމްޓީސީސީއާ ދެމެދު ހިޔާލުތަފާތުވެފައިވާ މައްސަލައަށް ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅުމަށް ދެންނެވުމަށް ކޮމެޓީން ނިންމައިފި އެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެމްޓީސީސީއަށް މައުލޫމާތު ހޯދުމަށް އެދިފައިވާ މައްސަލައަކީ ގާނޫނު މާނަ ކުރުމުގައި ދިމާވެގެން އުޅޭ މައްސަލައަކަށްވާތީ، އަދި އެކަމަކީ އެސްއޯއީ ކޮމެޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމަކަށްނުވާތީ، އެމައްސަލަ ކޯޓަށް ހުށަހަޅާއިގެން ގޮތެއް ނިންމުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ދެންނެވުމަށެވެ.

Advertisement

އެގޮތަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެވެ. ނިހާދުގެ އެ ހުށަހެޅުއްވުމަށް ކޮމެޓީގެ ގިނަ މެމްބަރުން ތާއީދުކުރެއްވުމަށްފަހު، ވަނީ އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފަ އެވެ.

"މީގައި ދިމާވެގެން މިއުޅެނީ ގާނޫނުގައި ލިޔެފައިއޮތް އަކުރެއް މާނަ ކުރުމުގައި ދެފަރާތަކުން ދެ ގޮތަކަށް މާނަ ކުރެވިގެންދިޔުން. އެހެންވީމާ، އެސްއޯއީ ކޮމެޓީގެ މެންޑޭޓުގައި ގާނޫނުގައި އޮތް އެ އަކުރު މާނަކޮށްދިނުން ނުވަތަ ބުނެދިނުން އެއީ އަޅުގަނޑުމެންގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަމުގައި އަޅުގަނޑަށް ނުފެނޭ، ގަބޫލެއް ނުކުރެވޭ. އެހެންވީމާ ގާނޫނު މާނަ ކުރުމުގައި މިއޮންނަނީ، ނުވަތަ ގާނޫނު ފުރުއެރުމެއް، އޮތްނަމަ އޮންނަ ގޮތަކީ، ކޯޓަށް ހުށަހެޅުން، ކޯޓުން ގޮތެއް ނިންމުން. ދެން މަޖިލީހުގެ މެމްބަރުން މަޝްވަރާކޮށްގެން، މަޖިލީހުގެ ތަޅުމަށްގެންގޮސްގެން ގާނޫނު އިސްލާހު ކުރަންޖެހޭ ހަލަތެއްގައި އެކަން އަޅުގަނޑުމެން ކުރާނަން،"
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު

ނިހާދުގެ އެހުށަހެޅުއްވުމަށް ދެކޮޅުހައްދަވައި، އެމްޓީސީސީން މައުލޫމާތު ހާމަ ކުރަންޖެހޭނެ ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވާފައިވަނީ މާފަންނު މެދުދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ) އެކަންޏެވެ.

ބޮންޑާ ވިދާޅުވަނީ، ދައުލަތުގެ އިދާރާތަކުން އެއްވެސް ފޮރުވުމެއް ނެތި މައުލޫމާތު ހާމަ ކުރުމަކީ ކޮށްމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުގެ މައުލޫމާތުތަކަކީ އެއްގޮތަކަށްވެސް ސިއްރުކޮށްގެންވާނެ މައުލޫމާތުތަކެއް ނޫންކަމަށް ބޮންޑާ ވިދާޅުވި އެވެ.

އެސްއޯއީ ކޮމެޓީގެ މުގައްރިރު، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ، މައުލޫމާތު ހޯދާލިބިގަތުގެ ގާނޫނުގެ ދަށުން، މައުލޫމާތު ދޫކުރަންޖެހޭ ދައުލަތުގެ އިދާރާއެއް ކަމަށް އެމްޓީސީސީން ގަބޫލު ނުކުރާކަމަށް އެކުންފުނިން، މީގެކުރިން ބޭއްވި އެސްއޯއީ ކޮމެޓީގެ ބައްދަލުވުމެއްގައި ބުނެފައިވާ ކަމަށެވެ.

އެސްއޯއީ ކޮމެޓީއަށް މިމައްސަލަ ހުށަހެޅީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެވެ. އިންފޮމޭޝަން ކޮމިޝަނަރު މިމައްސަލަ އެސްއޯއީ ކޮމެޓީއަށް ހުށަހެޅީ، އެމްޓީސީސީގެ މުސާރައިގެ އޮނިގަނޑު ހޯދުމަށް އަމިއްލަ ފަރާތަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން އެ މައުލޫމާތު ދިނުމަށް އެމްޓީސީސީން އިންކާރުކޮށް، އެމައުލޫމާތަކީ މައުލޫމާތު ހޯދާލިބިގަތުގެ ގާނޫނުގެ ދަށުން އެކުންފުންޏަށް ފޯރުކޮށްދިނުން ލާޒިމް މައުލޫމާތެއް ނޫން ކަމަށް ބުނުމުން ނެވެ.

އެމްޓީސީސީން ބުނެފައިވަނީ، އެކުންފުންޏަކީ ވާދަވެރި ޕަބްލިކް ލިމިޓެޑް ކުންފުންޏެއް ކަމަށާއި އެކުންފުނީގެ ކޮންމެ މައުލޫމާތެއް ހޯދުމަށް އެދޭނަމަ ވިޔަފާރިއަށް ވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އެމްޓީސީސީގެ މުސާރައިގެ އޮނިގަނޑު ހޯދަން އެކުންފުނީގައި އެދިފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު ހުންނެވި ދުވަސްވަރު އެވެ. މިހާރުގެ އިފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު އެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެމްޓީސީސީގެ މުސާރައިގެ އޮނިގަނޑު ހޯދުމަށް މި ދިޔަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު އެމްޓީސީސީގެ އިސްވެރިންނާ ބައްދަލުވެސް ކުރައްވާފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް