ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 13:52
ވަޒީރުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި
ވަޒީރުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި
މަޖިލިސް
ސިވިލް ސަރވިސް ކޮމިޝަން
ވަޒީރު ގުޅައިގެން ކަންކުރާ އުސޫލު ބަދަލު ކުރަންޖެހޭ، ސީއެސްސީ މާބޮޑަށް ވެސް ސްލޯ
މިނިސްޓަރ ގުޅައިގެން ކަންކުރާ އުސޫލު ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވި
މަގާމުގައި ކުރިއެރުން ނުލިބުމާއި ޕަރފޯމެންސް ދެނެގަނެވޭނެ ގޮތެއް ނެތް ކަން ފާހަގަކުރެއްވި
ކުރާ މަސައްކަތާ އެކަށީގެންވާ މުސާރަ ނުލިބޭ ކަމަށް ވެސް ވިދާޅުވި

ސިވިލް ސަރވިސްގެ މަަސައްކަތްތައް ހުންނަ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ވިދާޅުވެ، ވަޒީރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްއީ) އާއި ގުޅޭގޮތުން ވަޒީރުންގެ ހުރި ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ސަރުކާރުގެ ވުޒާރާތަކުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ އެއްބާރުލުން ލިބެމުންދާ މިންވަރާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަޒީރުންނާއިއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ވަޒީރުން ވަނީ ސިވިލް ސަރވިސްގެ މަސައްކަތްތައް ހުންނަ ގޮތުން ދިމާވާ ގޮންޖެހުންތައް ކޮމިޓީއާއި ހިއްސާކުރައްވާފައެވެ.

މިނިސްޓަރ ގުޅައިގެން ކަންކުރާ އުސޫލު ބަދަލު ކުރަންޖެހޭ

ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ސީއެސްސީން މަސައްކަތް ކުރަމުންދަނީ 'ޓާސްކް އޮރިއެންޓެޑް' ކޮށް ކަމަށެވެ. އެގޮތުން ވަޒީރު އެ ކަމެއްގެ ތެރެއަށް ވަދެ، އެކަމެއް ކުރީމާ އެ ކޮމިޝަންގެ މަސައްކަތްތައް ވެސް އަވަސްވާ ތަން ފެންނަ ކަމަށެވެ.

ޕްރޮގްރާމެއް ހިންގާ ގޮތަކަށެއް މަސައްކަތެއް ނުކުރެވޭ. ޓާސްކް އޮރިއެންޓެޑްކޮށް ކުރެވެނީ. އެއީ ވަޒީރު ސީދާ އޭގެތެރެއަށް ވަދެ އިނދެގެން، މީހުން އެތަނަށް ގެނެސް ބައިތިއްބައިގެން މިކަން މިހެން ކުރަން، އެހެން ބުނާ މަސައްކަތް ހިންގޭ. އެހެންނަމަވެސް ހިންގަން ތަރުތީބުވެގެން އޮންނަ ބަޖެޓު ހިންގުމުގައި، ޕްރޮޖެކްޓުތައް އެއަހަރު ތެރޭގައި ހިންގުމުގައި އޮންނަ ތާވަލަކަށް އެގެންދިއުމުގައި އެކަންކަމެއް ނުހިންގޭ. ފަޔަރ ފައިޓިންގް ގައި އަބަދުވެސް އުޅެންޖެހެނީ. ކަމެއް ނުހިނގީމަ އެއާ ބެހޭ ގޮތުން ތަޅާފޮޅާގަތީމަ ތެދެއް ހިނގާ
ޕްލޭނިންގް މިނިސްޓަރ އަސްލަމް

މަސައްކަތް ސްލޯ

ކޮމެޓީގައި ވާހަކަދައްކަވަމުން ހުރިހާ ވަޒީރުންވެސް ފާހަގަކުރެއްވި ވާހަކައަކީ ސީއެސްސީ 'ސްލޯ' ކަމުގެ ވާހަކައެވެ. އެކޮމިޝަނުގެ މަސައްކަތްތަށް ކުރުމަށް ލަސްވަމުންދާތީ އެ ވުޒާރާތަކުގެ ބައެއް މަސައްކަތްތައްވެސް ކުރުމަށް ދަތިވާ ވާހަކައެވެ. ކޮމިޝަނަށް ފޮނުވާ ސިޓީތަކުގެ ޖަވާބު ނުލިބި އެތައް މަހެއް ފާއިތުވާކަން ހުރިހާ ވަޒީރުންވެސް ފާހަގަކުރެއްވިއެވެ. އެ ކޮމިޝަނުގެ މަސައްކަތްތައް ސްލޯކަން ފާހަގަކުރައްވާ މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މަގާމުތައް ސިސްޓަމްތަކަސް އެންޓަރ ކުރުމުގައިވެސް ލަސްތަކެއް އުޅޭ ކަމަށެވެ.

އަޅުގަނޑުމެންނަށް ވަރަށް ދަތި ސިސްޓަމަށް އެޅުން ލަސްވާތީ. ވަރަށް ކުރުކޮށް މި ދެންނެވީ. ސިސްޓަމަށް އާ ވަޒީފާއެއް އަޅަންވެސް ނަގާފާނެ ހަމަ މަސް ދެމަސް.
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު

މަގާމުގައި ކުރިއެރުން ނުލިބުމާއި ޕަރފޯމެންސް ދެނެގަނެވޭނެ ގޮތެއް ނެތުން

ސިވިލް ސަރވެންޓުންނަށް މަގާމުގައި ކުރިއެރުން ނުލިބޭ ވާހަކަ ވަޒީރުން ކޮމިޓީގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން މިހާރު ނިޒާމު އޮތް ގޮތުން ތަޖުރިބާއަށް ނުބެލޭ ކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޕްލޭނިންގް މިނިސްޓަރ ވިދާޅުވީ ދިވެހި ސިވިލް ސަރވިސް ކޮމިޝަންގެ އޮނިގަނޑު އޮންނަ ގޮތުން ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފެކޭ ރަނގަޅަށް މަސައްކަތް ނުކުރާ މުވައްޒަފަކާއި ތަފާތެއް ނެތް ކަމަށެވެ. އެގޮތުން މަސައްކަތަށް ފަރުވާ ކުޑަ ކުރި ނަމަވެސް އެމީހެއްގެ ޕަރފޯމެންސުން އެ ގޯސްކޮށް ފެންނަ ގޮތެއް ނޯންނަ ކަމަށެވެ.

ދިވެހި ސިވިލް ސަރވިސް ގައި އެބަ ތިބި މަދު ބަޔަކު ވަރަށް ރަނގަޅަށް މަސައްކަތްކުރާ. ވަރަށް ގިނަ މީހުން އެބަތިބި ރަނގަޅަށް ޕަރފޯމް ނުކުރާ. އެހެން ނަމަވެސް ރަނގަޅަށް ޕަރފޯމް ކުރާ މީހެކޭ، ނުކުރާ މީހެކޭ، އެއްވެސް ތަފާތެއް ގެންގުޅެވޭނެ އެއްވެސް ހަމައެއް ނޯވޭ. މީހަކު ކަމެއް ނުކުރިޔަސް ދުވަހަކު ވެސް އެމީހެއްގެ ޕަރފޯމެންސުން ގޯސްކޮށް ފެންނަ ގޮތެއްވެސް ނޯވޭ.
ޕްލޭނިންގް މިނިސްޓަރ އަސްލަމް

ކުރާ މަސައްކަތާ އެކަށީގެންވާ މުސާރަ ނުލިބުން

ކޮމެޓީގައި ވާހަކަދައްކަވަމުން ހުރިހާ ވަޒީރުންވެސް ފާހަގަކުރެއްވި އަނެއް ނުކުތާއަކީ މުސާރާގައި ބޮޑެތި ފަރަގުތަކެއް ހުރުމެވެ. އެގޮތުން ސިވިލް ސަރުވެންޓުން ކުރާ މަސައްކަތާއި ލިބޭ މުސާރަ އެކަށީގެންނުވާކަމަށް ވަޒީރުން އިއްތިފާގުވެއެވެ. އަދި ލިބޭ މަދު މުސާރައިގެ ސަބަބުން މަގާމަށް އެންމެ ގާބިލު މީހުން ހޯދުމަށް ދަތިވާކަމަށް ވިދާޅުވެފައިވެއެވެ.

މުސާރައިގައި ހަމަ ވަރަށް ބޮޑެތި ފަރަގުތަކެއް އެބަހުރި. ލިބޭ މުސާރައަކުން ދެކޮޅެއްނުޖެހޭ. އެހެންމަ މިނިސްޓްރީއެއްގައި މިނިސްޓަރެއް 24 ގަޑިއިރު މަސައްކަތް ކުރަންޏާ، އެ ބިއުރޯ ސްޓާފުންވެސް، ސިވިލް ސަރވިސް މުވައްޒަފުން ހަމަ 24 ގަޑިއިރު މަސައްކަތް ކުރޭ. އެމީހުންނަކަށް މި މުސާރައެއް ވަރތް އެއް ނޫން
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު

ހުރިހާ ވަޒީރުންވެސް ކޮމިޓީގައި ވަނީ ނިޒާމު ހަރުދަނާ ކުރަންޖެހޭ ކަން ފާހަގަކުރައްވާފައެވެ. ކޮމިޓީގެ ބާކީ ބައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްގެ އިތުރުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހީމް ޙަސަން ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް އާއި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން އާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީގެ އިތުރުން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވެސް ބައިވެރިވެވަޑައިތެވެ.

- ކޮމެންޓް
10 ފެބްރުއަރީ 2020 | ހޯމަ 14:59
ިމީހާ
ވަޒީރު ވަޒީފާގެ ކަންކަމުގެ ތެރެއަށް ވަންނަނީނަމަ އެކަމުން ދޭހަވަނީ އެހެންކަމެއް.