މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އެކަކު ޅ. ނައިފަރުން ހައްޔަރުކޮށްފައިވާއިރު އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ ލ. ގަމުންނެވެ.
ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ބުނީ އެ ރަށުން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށެވެ. ހުކުރު ދުވަހުގެ 12:05 އެހައިކަންހާއިރު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނުމާ ގުޅިގެން ކަމަށެވެ.
އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް އެރަށުގެ ޕޮލިސް ސްޓޭޝަނުން ބުނެފައިވެއެވެ.
ލ. ގަމުން މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފައިވާ ދެ މީހުންނާއި ގުޅިގެން ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކުރެވުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ލ. ގަން ޕޮލިސް ސްޓޭޝަނާއި، ފޮނަދޫ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން މާލެއިން ފުރައިގެން ލ. ގަމަށް ދަތުރުކުރަމުންދާ ބޯޓަކުން ގަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ.
ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށް، އެމީހުން ހަވާލުވާން ދިޔަ ފޮށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް، ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.