މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ މަގާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމަކީ ހިތްވަރުގަދަ ޢަމަލެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ މަގާމުން ޝިދާތާ ޝަރީފު އިސްތިއުފާދެއްވުމާ ގުޅިގެން އެކަމަނާ ނިސްބަތްވާ އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ވަނީ ޝިދާތާ ޝަރީފު މަގާމުން އިސްތިއުފާ ދެއްވި ދެއްވުން އެ ޕާޓީން ބަލައިގަންނަނީ ވަރަށް ހިތްވަރުގަދަ ޢަމަލެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމަނާ އިސްތިއުފާދެއްވީ މިނިސްޓްރީގެ އިތުބާރު ދެމެހެއްޓުމަށް ކަމަށްވާތީ އެ ޕާޓީން ނުހަނުއުފަލާއެކު ފާހަގަކޮށް ބަލައިގަންނަ ކަމެއް ކަމަށެވެ.
އަދާލަތުން އިތުރަށް ބުނީ އަންހެނުންނާއި ކުޑަކުދިން އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ މައްސަލަތަކުގެ ވާހަކަ ގިނަބަޔަކު ދައްކައި، އެފަދަ ކަންކަން ހައްލު ކުރުމަށް ރައްޔިތުން ހޭލުންތެރިވުމުގެ އިތުރުން އެފަދަ މައްސަލަތައް ހައްލުކުރުމަށް ޝިދާތާ ކުރައްވާފައިވާ ބުރަ މަސައްކަތާއި އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ވަރަށް ކާމިޔާބު ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރެއްވުމުގައި ގެންގުޅުއްވި އިޚްލާސްތެރިކަމާއި ހަރުދަނާކަން އެ ޕާޓީން ބަލައިގަންނަ ކަމަށެވެ.
އަދާތަލުން ވަނީ ޝިދާތާ ޝަރީފަކީ 2010 ވަނަ އަހަރުން ފެށިގެން މި ޕާޓީއާއެކު ރައްޔިތުންނަށްޓަކައި އެތައް ޤުރުބާނީއެއްވެވަޑައިގެންނެވި ބޭކަނބަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޝިދާތާއަކީ އެކިއެކި ފޯރަމްތަކުގައާއި މަގުމަތީގައި، އިސްލާހަށް ހިންގުނު ގިނަ ހަރަކާތްތަކެއްގައި ހިތްވަރާއެކު ބައިވެރިވެފައިވާ ކަނބަލެއް ކަމަށާއި އެއީ އެޕާޓީން އަބަދުވެސް ހަނދާންކޮށް ފާހަގަ ކުރާނެ ޚިދުމަތްތަކެއް ކަމަށް އަދާލަތުގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން ޝިދާތާ ޝަރީފަކީ ވަޒީރުކަން އަދާކުރެއްވުމުގެ ކުރިންނާއި ވަޒީރު ކަމުގައިވެސް ރައްޔިތުންގެ ހާލުގާތުން ބައްލަވައި އެފަރާތްތަކަށް އެކިއެކި އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭކަނބައް ކަމަށް އަދާލަތުން ބުނެއެވެ. އެގޮތުން އެކަންކަމަކީ އެޕާޓީގެ އެންމެހާ މެމްބަރުންނާއި ޢާއްމު ރައްޔިތުންވެސް އިންތިހާއަށް ޝުކުރުވެރިވާ ކަމެއް ކަމަށެވެ. އަދާލަތުން ބުނީ ވަޒީރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް ޕާޓީއާއެކު ދެމިހުރުމަށާއި ޕާޓީ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތުގައި ދެމިހުންނަވާނެކަމަށް ޝިދާތާ ނިންމަވާފައިވާކަމީ އެ ޕާޓީއާއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެކަމުގައި ޕާޓީން ވެދެވެން އޮތްހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ވެދެމުން ގެންދާނެ ކަމަށް އަދާލަތުން ބުނެފައިވެއެވެ.
ޝިދާތާ އިސްތިއުފާ ދެއްވުމަށް ނިންމެވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، އަދި ޖެންޑަރ މިނިސްޓްރީގެ އިހުމާލުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، ޝިދާތާއާމެދު ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ އެކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފައިވަނިކޮށެވެ.
ޝިދާތާ ވިދާޅުވެފައިވަނީ ޖެންޑަރ މިނިސްޓަރުކަމުން އިސްތިޢުފާ ދެއްވީ އިހުމާލު އޮވެގެން ނޫން ކަމަށާއި، މަޤާމުގައި ހުންނެވި އިރު، މިނިސްޓްރީން ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާނެކަމަށެވެ.