ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ އާއި ފޮޓޯ ޢާންމުނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފިއެވެ.
މިގޮތަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައި މިވަނީ ބެލްކަންޏެއްގައި ކުޑަ ދެ ކުއްޖަކު ގައިގޯޅިވާ ވީޑިއޯއެއް ޢާންމުވެފައިވަނިކޮށެވެ. ޢާންމުވި ވީޑިއޯއިން ފެންނަނީ ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގައިގޯޅިވާ މަންޒަރެވެ.
މިވީޑިއޯ ޢާންމުވުމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެފަދަ މަންޒަރު ރެކޯޑުކޮށް ސޯޝަލް މީޑިއާ ޢާންމު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ޢާންމު ކުުރުމުގެ ބަދަލުގައި ޕޮލިހަށާއި ކަމާބެހޭ ފަރާތްތަކަށް އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް އަންގާފައިވެއެވެ. ފުލުހުން ބުނީ އެފަދަ ވީޑިއޯތަކުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރު ކުރާނެކަމަށެވެ.
މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް އިން ވެސް ވަނީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މަޢުލޫމާތު ޢާންމުކޮށް، އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި، އެ ބާވަތުގެ މައްސަލަތައް ފުލުހަށާއި މިނިސްޓްރީގެ 1412އަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ.
ކުޑަކުދިންނަށް ޖިންސާ ގޯނާ ކުރާ މައްސަލަތައް މިދުވަސްވަރު ވަނީ އިތުރުވެފަ އެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނުގެ 33 ވަނަ މާއްދާ (ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުން) މި މާއްދާގެ (ހ) ގައި ބަޔާން ކުރަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކޮށްގެންނުވާ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ވަނީ ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އެކުދިންގެ ތަޞްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަޞީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެ ކަމަށެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި ބެހޭ ޤާނޫނަށް ޢަމަލު ކުރަން ފަށާނީ މި ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.