އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކުރެވިފައިވާ ހައިކޯޓުގެ ގޮފިތަކުގައި ޝަރީއަތްތައް ކުރިއަށް ދާނެ ކަމަށް ހައިކޯޓުން ބުނެފި އެވެ.
ހައިކޯޓުގެ އުތުރު ގޮފި ހުންނަނީ ހދ. ކުޅުދުއްފުށީގަ އެވެ. ހައިކޯޓުގެ ދެކުނު ގޮފި ހުންނަނީ އައްޑޫ ސިޓީ ހުޅުމީދޫގަ އެވެ.
ހައިކޯޓުގެ އެ ދެ ގޮފީގެ އިދާރީ މަސައްކަތްތައް ދުވަހުން ކުރިއަށް ދިޔަ ކަމަށްވީނަމަވެސް ޝަރީއަތުގެ އަޑުއެހުންތައް ބާއްވަނީ މާލެ ސިޓީގައި ހުންނަ ހައިކޯޓުގެ ފަނޑިޔާރުންގެ ޓީމެއް އެ ގޮފުތަކަށް ވަޑައިގެން ކުރިއަށް ގެންދަވާ ގޮތަށެވެ. އެގޮތަށް މީގެ ކުރިންވެސް އެކިފަހަރު މަތިން އަމަލު ކޮށްފައި ވެއެވެ.
ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފަށާފައިވަނީ 22 އޮކްޓޯބަރު 2018ގަ އެވެ. ހައިކޯޓުގެ އުތުރު ގޮފީގައި ހިމެނޭ އަތޮޅު ތަކަކީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ.
ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބްރިއަރީ މަހު ނިންމާފައިވަނީ ގޮފިތަކުގެ ފަނޑިޔާރުން ދާއިމީކޮށް ގޮފިތަކުގައި ތިބުމުގެ ބަދަލުގައި މައްސަލަތައް ބަލަން ފަނޑިޔާރުންގެ ވަފުދުތައް މައްސަލަތައް ބަލަން ފޮނުވުމަށް ހަމަޖައްސާފައެވެ. އެގޮތަށް ހަމަޖައްސާފައިވަނީ ފަނޑިޔާރުންގެ ދަތިކަން ހައިކޯޓަށް ކުރިމަތިވެފައި އޮތުމުންނެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހައިކޯޓެއް ޤާއިމުކުރެވިފައިވަނީ 1980 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 05 ވަނަ ދުވަހުގައެވެ. ހައިކޯޓު އުފެދުނީއްސުރެ ހައިކޯޓުގެ ޝަރީޢަތްތައް ޢާންމު ގޮތެއްގައި ހިނގަމުންއައިސްފައިވަނީ މާލޭގައެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުން ދިވެހިރާއްޖޭގެ 2 ސަރަހައްދެއްގައި ހައިކޯޓުގެ 2 ގޮފި ޤާއިމްކޮށް، އެދެ ގޮތްޕަށް ފަނޑިޔާރުން ޢައްޔަން ކުރުމުގެ މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓާއި ޙަވާލުކުރެއްވުމާއި ގުޅިގެން ހައިކޯޓުގެ ދެކުނު ގޮފި ސ.ހުޅުދޫ– މީދޫ ގައި ވަނީ ގާއިމުކޮށްފަ އެވެ.
އެގޮތުން، 2015 ޑިސެމްބަރު 16 ވަނަ ދުވަހުން ފެށިގެން ޤަވާޢިދުން ޝަރީޢަތްތައް ބާއްވަމުން ގެންދިއުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރަކުން 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހު ކަނޑައަޅުއްވައި، އެކަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވެއެވެ.
ހައިކޯޓުގެ ދެކުނު ގޮތްޕައް ނިންބަތްވާ ސަރަޙައްދަކީ ގއ، ގދ، ޏ، އަދި އައްޑޫ ސިޓީއެވެ.