އަނިޔާ ތަހައްމަލުކޮށްފައިވާ ގިނަބަޔަކަށް އިންޞާފު އަވަހަށް ލިބުމަކީ މިއަދުގެ އުއްމީދުކަމަށް ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހަކީ، އެމްޑީޕީގެ ފުރަތަމަ ވެރިކަން "ބަޣާވާތަކުން" ބަދަލުކޮށްލިދުވަސް އެވެ.
ވަކިކޮށް ދުވަހަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްކަން ވިދާޅުނުވެ، ބަންޑާރަ ނައިބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައައްސަސާއަކުން ނުވަތަ އެތަނުގެ ވެރިއަކު ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމަށް އަރައިގެންފައިވާ މައްސަލަތައް ބަލައި، ތަޙްޤީޤުކޮށް، ތެދުހާމަކޮށް އެފަދަ އަނިޔާތައް ތަކުރާރުވުން ހުއްޓުވައި، ޖަވާބުދާރީކުރުވަނިވި ދައުލަތެއް ބިނާކުރުމަށްޓަކައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިންތިޤާލީ އިންޞާފުގެ ބިލުފާސްކށް ޤާނޫނަކަށް ހެދުމުން މުހިންމު ކަމަށެވެ. އަދ އަނިޔާ ތަހައްމަލުކޮށްފައިވާ ގިނަބަޔަކަށް އިންޞާފު އަވަހަށް ލިބުމަކީ މިއަދުގެ އުއްމީދުކަމަށް ބަންޑާރަ ނައިބް ވިދާޅުވި އެވެ.
ދައުލަތުގެ މުއައްސަސާއެއްގެ ވެރިއެއްގެ ފުށުން ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފައިވަނީ ނިމުނު ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. މި ބިލު ބަލައިގަނެފައިވަނީ 68 މެމްބަރުންގެ ވޯޓާއި އެކުއެވެ. 3 މެމްބަރަކު ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ވަނީ ވޯޓު ދެއްވާފައެވެ.
"އިންތިޤާލީ އިންސާފު ބިލު" ގެ ނަމުގައި މި ހުށަހެޅުނު ބިލު ހުށަހަޅުއްވައިދެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެވެ. މި ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ 1 ޖެނުއަރީ 2012 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ދެމެދު ހިގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ޢަސާސި މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލުމެވެ. އަދި އެފަދަކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނގަނޑު އެކުލަވާލުމެވެ.
މި ޤާނޫނުގެ ދަށުން ފަރުދުންގެ މެދުގައި ޞުލްޙަކޮށް، މުޖްތަމަޢު އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރުމާއި ޤައުމުގެ އަމަން އަމާންކަން ދަމަހައްޓައި މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންސާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށްދެވޭނެއެވެ.
މި ޤާނޫނު ހިނގާނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ކަންތައްތަކުގެ މައްޗަށެވެ. މި ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު އިންތިޤާލީ އޮމްބަޑްސްމަންގެ އޮފީހެއް އުފެދޭނެއެވެ. އޮމްބަޑްސްމަންގެ އޮފީސް އެކުލެވިގެންވާނީ ރައީސުލް ޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާ 3 އޮމްބަޑްސްމަނުންގެ މައްޗަށެވެ.
އޮމްބަޑްސްމަންގެ އޮފީހުގެ މައްސޫލިއްޔަތުތަކުގެ ތެރޭގައި 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ދެމެދު ހިގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުން ތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ޢަސާސީ މިނިވަންކަމާއި ޚިލާފަށް ކަމެއް ކޮށްފައިވާނަމަ އެ ފަދަ މައްސަލަތައް ދެނެގަނެ، ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަން ކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި ހަޤީޤަތާއި ހަމަޔަށް ވާޞިލުވުން ހިމެނެއެވެ.