Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 13:00
ރާއްޖެ އެމްވީ
ހުތުބާ
ބަލިތައް ފެތުރުމަކީ، ހައްދު ފަހަނައަޅާ ދިޔުމުގެ ނަތީޖާ: ހުތުބާ
އަވަސް އަރުވާލައިގެން ޚަބަރުތައް ފެތުރުމުގެ ނުބައިކަމުން ދުރުހެލިވާން އިލްތިމާސް ކޮށްފައިވޭ
ސިއްހަތާއި ހުސްވަގުތަށް ފަރުވާކުޑަ ނުކުރުމަށް އިލްތިމާސް ކުރި
ސިއްހަތު ސަލާމަތް ކުރުމަށް އިލްތިމާސް ކޮށްފައިވޭ

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް އިންސާނުންގެ ތެރޭގައި ފެތުރެނީ އެބައި މީހުން އަމިއްލައަށް ކޮށްފައިވާ ކަންކަމުގެ ސަބަބުން ކަމަށާއި، އެއީ ފިތުރީ ގޮތުން ހާލިގުވަންތަ މާތް ﷲ ކަނޑައަޅުއްވާފައިވާ ނިޒާމުންއެއްކިބާވެ، ހައްދު ފަހަނައަޅައި ދިއުމުގެ ނަތީޖާ ކަމަށް ހުތުބާގައި ބަޔާންކޮށްފިއެވެ.

''ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސަބަބުތަކުގައި ހިފުން'' މި މައުޝޫގެ މައްޗަށް ބިނާކޮށް އިއްވި ހުތުބާ ފެއްޓީ މިހާރު ދުނިޔޭގެ ފެތުރެމުންދާ ބަލި މަޑުކަމުގެ ވާހަކައިންނެވެ. ހުތުބާގައި ބުނީ، މިއަދު ފަތުއަޑުކިޔާފައި އެންމެ ގަދަޔަށް ފެތުރެމުންދާ ވާހަކައަކީ ނުރައްކާތެރި ވަބާއެއް އެއް ބައްރުން އަނެއް ބައްރު ކަޑައްތުކޮށްވަރަށް ހަލުއި މިނުގައި ފެތުރެމުންދާ ވާހަކަ ކަމަށެވެ.

Advertisement

މީސްމީޑިއާގެ ވަޞީލަތްތަކާއި މަޖިލިސްތަކުގައި ތަފާތު އެކި ގޮތްގޮތަށް ދެކެވެމުންދަނީ އެ ''ހިމޭން ޤާތިލުގެ'' ވާހަކަތައް ކަމަށް ސިފަކުރަމުން ހުތުބާގައި ބުނީ، އެއްބަޔަކު އެކަމަށް އެކަށީގެންވާ ސަމާލުކަން ނުދީ، މިކަމަކީ އާދައިގެ ކަމެއްކަމުގައި ދެކެމުންދާ ހިނދު، އަނެއް ބަޔަކު މަޝްއޫލުވެފައި ވަނީ މިކަމާ ގުޅިގެން ދޮގުޚަބަރު ފެތުރުމުގައި ކަމަށެވެ. ހަގީގަތް ނުބަލައި އަވަސް އަރުވާލައިގެން ޚަބަރުތައް ފެތުރުމުގެ ނުބައިކަމުން ދުރުހެލިވާން ހުތުބާގައި އިލްތިމާސް ކުރަމުން ހުތުބާގައި ބުނީ، ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާއިރު، ޚަބަރު ފަތުރާ ފަރާތްތަކުން ތެދު މައުލޫމާތު ފެތުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

އަދި އެފަދަ ފަރާތްތަކަށް ލިބޭ މަޢުލޫމާތުތައް ކަށަވަރު ނުކޮށް، އަދި އޭގެ ތެދު ހަގީގަތް ނުބަލައި އަވަސް އަރުވާލައިގެން ޚަބަރުތައް ފެތުރުމުގެ ނުބައިކަމުން ދުރުހެލިވާން ހުތުބާގައި އިލްތިމާސް ކޮށްފައިވެއެވެ.

ބައެއްފަހަރު ޙަޤީޤަތެއް ނެތް އެފަދަ ޚަބަރުތައް ފެތުރުމުގެ ނަތީޖާއެއްގެ ގޮތުން، ޢާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، މުޖްތަމަޢުގައި ބޮޑެތި ފިތުނަތައް އުފެދެން މަގުފަހިވެއެވެ. ޚަބަރު ފަތުރާ ފަރާތްތަކުގެ ވާޖިބަކަށް ވާންޖެހޭނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ފޯރުކޮށްދޭ ޞައްޙަ މަޢުލޫމާތުތައް، އުނިއިތުރު ކުރުމަކާ ނުލައި ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުން
ހުކުރު ހުތުބާ

މިހާރު ދުނިޔޭ ތަހައްމަލު ކުރާ ކޮރޯނާވައިރަހުގެ ބަލިމަޑު ކަމުގެ މައްޗަށް ބިނާކޮށް އިއްވި ހުތުބާގައި ބުނެފައިވަނީ އާއްމު ސިއްހަތާ ބެހޭ އަސާސަކީ ސާފުތާހިރުކަން ކަމަށާއި، އެއީ އިޖްތިމާއީ އެހެން އަގުތައް ފަދަ އަގެއް ކަމަށާއި އަދި ރިވެތި އަދަބެއް ކަމަށެވެ. ކީރިތި ރަސޫލާގެ ޙަދީޘް "ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ.'' މި ހަދީސަށް ރިޔާއަތްކޮށް ހުތުބާގައި ބުނީ، އިސްލާމްދީނުގައި ޝަރްޢު ކުރައްވާފައިވާ ފަސް ނަމާދަށްޓަކައި ކުރާ ވުޟޫއާއި ވާޖިބު ހިނެއުންތަކާއި ސުންނަތް ހިނެއުންތަކުގެ އަމާޒަކީވެސް ހަމަ ސާފުތާހިރުކަން ކަމަށެވެ.

އޭގެ އިތުރުން ހުތުބާގައި ބުނީ، އެންމެ ބޮޑު ދެ ނިއުމަތް ކަމަށްވާ ސިއްހަތާއި ހުސްވަގުތަށް ފަރުވާކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން ހިތާމަކުރަންޖެހޭ މިންވަރަށް ގައުމުގައި އެކިއެކި ބަލިތައް ތަޙައްމަލްކުރާ މީހުން އެބަ ތިބި ކަމަށެވެ.

ދިވެހިރާއްޖޭގައި ކެންސަރު ބަލި ޖެހިގެން ވެސް ކަންބޮޑުވާންޖެހޭ ޢަދަދަކަށްއައިޖީއެމްއެޗުގައި ރަޖިސްޓްރީ ކުރެވޭކަމީ ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ.ކެއިންބުއިމުގެ އާދަތަކާއި، ކާބޯތަކެއްޗަށް ހެޔޮ ބަދަލުތަކެއް ގެންނަޖެހޭކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް
ހުކުރު ހުތުބާ

އެހެންވީމާ، ސިއްހަތު ސަލާމަތްކުރުމަށް ސަމާލުވުމަށް ނަސޭހަތްތެރިވެ ވަޞިއްޔަތް ވަނީ ހުތުބާގައި ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް