ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ސްވޮޓް ފުލުހުން ފިސްތޯލައާއިއެކު ހަރަކާތްތެރިވާންޖޭހެކަމަށް ކުރިން ކޮމިޝނަރަ އޮފް ޕޮލިސްގެ މަގާމް ފުރުއްވި އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ފތުރުވެރިއަކާއި ރާއްޖޭގައި މަސައްކަތް ކުރާ އޮސްޓްރޭލިއާ އަދި ޗައިނާގެ މީހަކަށް ވަޅިން ހަމަލާދިން މައްސަލައަށް އިޝަރާތްކުރައްވާ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސްވޮޓް ފުލުހުން ފިސްތޯލަ ހިފައިގެން ރަށުތެރޭގައި ހަރަކާތްތެރި ވާންޖެހޭ ހާލަތު އަތުވެއްޖެކަމަށްދެކޭކަމަށާއި ގައުމު އަމާންކުރެވޭނީ ފުލުހުން ބާރުވެރިކުރުވިގެންކަމަށެވެ.
ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ދިން މި ޙަމަލާއާ ގުޅިގެން ހަރުކަށި ފިކުރުގެ 6 މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވަނީ މައްސަލާގައި ޝާމިލުވާ އެންމެން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ބުނެފައެވެ. އަދި މިޙަމަލާގެ ޒިންމާ ނެގުމަށް ފަހު، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، ތިމަންނާމެންމީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގެ ގޮފިކަމަށް ބުނެފައިވާ ވީޑިއޯގެ ޞައްޙަކަން ކަށަވަރުކުރުމަށް ތަޙުޤީޤުތައް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހަމަލާއި ގުޅިގެން ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ ކުއްލި ބައްދަލުވުމެއް ބާއްވައި ރައީސް ސޯލިހު ވިދާޅުވީ ދިވެހި ރައްޔިތުންނާއި، މިޤައުމުގައި ދިރިއުޅޭ ބިދޭސީންނާއި، އަދި މިޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށާއި ރާއްޖޭގެ ޞަރަޙައްދުގައި މިފަދަ ފިނޑި އަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި މިފަދަ ޢަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާއި ދެކޮޅަށް، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުންދާނެކަމަށެވެ.