ހުޅުމާލޭގައި ޓޯކުރާ އުޅަނދުތައް ބެހެއްޓުމަށް ބޭނުންވާ ބިން ދިނުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ޓްރެފިކް ފުލުހުން ޓޯކުރާ އުޅަނދުތައް ބެހެއްޓުމަށް ވަގުތީ ޓޯޔާޑެއް ގާއިމްކުރުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށްވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ފޭސް ދެއަކުން ވަގުތީ ޓޯޔާޑް ގާއިމްކުރުމަށް ބިން ދިނުމަށް ހަމަޖެހިފައިވާއިރު ވަގުތީ ޓޯޔާޑެއް ގާއިމްކުރެވިގެން ދިއުމުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެއްބސްވުމުގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދުއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދުގެ އިތުރުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާތިފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.