Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 16:26
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު (މެދުގައި) އަދި އަރިހުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު (ކ) އަދި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު (މެދުގައި) އަދި އަރިހުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު (ކ) އަދި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ރައީސް އޮފީސް
ކޮރޯނާ ވައިރަސް
މިހާރު ޗައިނާގައި ތިބީ 43 ދިވެހިން: މިނިސްޓަރ ޝާހިދު
ވޫހާން ސިޓީގައި ތިބި 7 ދިވެހިން އިންޑިއާއަށް ވަނީ ގެންގޮސްފަ
ރާއްޖޭން ބޭރުގައި ތިބި ދިވެހިންގެ މައުލޫމާތު ފޮރިން މިނިސްޓްރީއާ ހިއްސާކުރުން މުހިއްމު
ޗައިނާގައި ތިބި ދިވެހިންނަށް ވެސް އެހެން ގައުމުތަކަށް ދަތުރުކުރުމުގެ މިނިވަންކަން އޮވޭ

ޗައިނާގައި މިހާރު ތިބީ 43 ދިވެހިން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މުޅި ޗައިނާގައި ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، އެކަމުން ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް ރައީސް އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ޗައިނާގައި މިހާރު ތިބިކަމަށް ބުނަނީ 43 ދިވެހިން ކަމަށެވެ.

މިދިއަ ހަފްތާގެ ބުރާސްފަތި ދުވަހު، ޝާހިދު ވިދާޅުވެފައި ޗައިނާގައި 69 ދިވެހިން އުޅޭކަމަށެވެ. އޭގެތެރެއިން ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި 9 ދިވެހިން ދިރިއުޅޭ ކަމަށާއި، އޭތެރެއިން 7 މީހަކު ރާއްޖެ އަންނަން ބޭނުންވާ ކަމަށެވެ. އެގޮތުން އެ މީހުން ގެނައުމުގެ މަސައްކަތް އެހެން ގައުމުތަކާއި ގުޅިގެން ކުރަމުންދާކަމަށް ވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތަށް، އާދިއްތަ ދުވަހު މިވަނީ އެ 7 ދިވެހިން ޗައިނާގެ ވޫހާން ސިޓީން ބޭރުކޮށް، އަވަށްޓެރި އިންޑިއާގެ ދިއްލީއަށް ގެންގޮސްފަ އެވެ. އެ 7 މީހުން ދިއްލީއަށް ގެންދިޔައީ، ވޫހާން ސިޓީގައި ތިބި އިންޑިއާގެ 323 ރައްޔިތަކު އިންޑިއާއަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުން ނެވެ.

Advertisement

ޝާހިދު ވިދާޅުވީ، އެ 7 ދިވެހިން އިންޑިއާއަށް ގެނައުމާއި ކަރަންޓީނުގެ މުއްދަތުގައި އިންޑިއާގައި އެމީހުން ތިބޭއިރު، ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަނީ އިންޑިއާގެ ސަރުކާރުން ކަމަށާއި، އެކަމަށް އިންޑިއާގެ ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ. ޝާހިދު ވިދާޅުވީ، ޗައިނާގައި ތިބި 69 މީހުންގެ ތެރެއިން މިހާރު ޗައިނާގައި ތިބީ 43 މީހުން ކަމަށެވެ. އެ 69 މީހުންގެ ތެރެއިން 7 މީހަކު ނިއު ދިއްލީއަށް ގެންދެވިފައިވާއިރު، ޗައިނާއިން ރާއްޖެއައި ދިވެއްސަކު ކޮރޯނާއަށް ޝައްކުވާތީ، އޭނާގެ ޓެސްޓް ހަދަމުންދެ އެވެ.

ޝާހިދު ވިދާޅުވީ ޗައިނާގައި ތިބި ބައެއް ދިވެހިން އެހެން ގައުމުތަކަށް ނުވަތަ އެމީހުން ދާން ބޭނުންވާ ގައުމުތަކަށް ދިއުމުގެ މިނިވަންކަން އޮންނާނެތީ، ބައެއް ދިވެހިން ރާއްޖެ އައުމުގެ ބަދަލުގައި އެހެން ގައުމުތަކަށް ދަތުރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ، ދިވެއްސަކު ބޭރު ގައުމަކަށްދާ ކޮންމެ ފަހަރަކު ފޮރިން މިނިސްޓްގައި އޭނާގެ ދަތުރުގެ މައުލޫމާތު ހިއްސާ ކުރަމުން ނުދިޔަނަމަވެސް، މިހާރު މުޅި ދުނިޔެ މިއުޅެނީ ހާއްސަ ހާލަތެއް އައިސްގެން ކަމަށާއި، އެހެންކަމުން ދިވެހިންގެ ދަތުރުފަތުގެ ކަންކަން ފޮރިން މިނިސްޓްރީއާ ހިއްސާ ކުރުމުގެ މުހިއްމުކަން ބޮޑު ކަމަށެވެ. އެއީ، އެގޮތުން ހިދްމަތް ދިނުމުގައި، ހާއްސަކޮށް ކަމެއް ދިމާވާ ފަހަރަކު ހިދްމަތް ދިނުމުގައި އެފަރާތަކަށާއި ސަރުކާރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް