Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 22:46
މުލިއާގޭގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
މުލިއާގޭގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ސޯލިހު
ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރާނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް: ރައީސް
ރައްކާތެރިވުމަށް އަޅާފައިވާ އެންމެފަހުގެ މައުލޫމާތު ހިއްސާކުރެއްވި
ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތްކުރުމަށް އިރުޝާދު ދެއްވި
ގައުމަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް އިރުޝާދު ދެއްވި

މުޅި ދުނިޔެއަށް ނޮވެލް ކޮރޯނާވައިރަސްގެ ނުރައްކާ ބޮޑުވެފައިވާއިރު، ސަރުކާރުން ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރާނީ ދިވެހި ރައްޔިތުންނާއި މިގައުމަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ހުކުރު ދުވަހު ރައީސްގެ ރަސްމީ ގެކޮޅު މުލީއާގޭގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީން ބައިވެރިވެޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުވަނީ ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ކަމާއިބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރައްވާފައެވެ. އަދި، އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި މަސައްކަތްތަކާއިމެދު މަޝްވަރާކުރައްވާ، އެމަނިކުފާނުވަނީ މިކަމުގައި ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތްކުރުމަށް އިރުޝާދު ދެއްވާފައެވެ.

Advertisement

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، މިކަމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ދިވެހި ރައްޔިތުންނާއި މިގައުމަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން ފާހަގަކުރައްވާ، މިކަމުގައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އަޅުއްވަމުން ގެންދެވުމަށް ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ.

ޗައިނާއާއި މި ވައިރަސްގެ އަސަރު ފެނިފައިވާ އެހެނިހެން ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހީންގެ ޙާލަތު އޮޅުންފިލުއްވައި، އެމަނިކުފާނުވަނީ، އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ސާފު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް