Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 01:23
ބުރާސްފަތި ދުވަހު ބޭއްވި މަހާސިންތާ ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބުރާސްފަތި ދުވަހު ބޭއްވި މަހާސިންތާ ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ހއ. އުލިގަމް
އުލިގަމަށް ބަނދަރުކުރާ ޔޮޓުތަކުން ނަގާފީ ކުޑަކުރަން އެއްބަސްވެއްޖެ
މިހާރު ބަނދަރުކުރަނީ 50 ވަރަކަށް ޔޮޓް
އެއް ރަށަކަށް އެންމެ ބޮޑަށް ސަރުކާރުން އަޅާލަނީ އުލިގަމް
އެ ނިންމުން އިގްތިސާދީ ކޮމިޓީއަށް ފޮނުވަން ވަނީ ނިންމާފައި

ހއ. އުލިގަމުގައި ބަނދަރުކުރާ ޔޮޓްތަކުން ނަގާފީ ކުޑަކުރަން ކަމާއިބެހޭ އިދާރާތަކުން އެއްބަސްވެއްޖެއެވެ.

އެކަމަށް އެއްބަސްވެފައިމިވަނީ، އުލިގަމަށް ޔޮޓް ބަނދަރުކުރުން މަދުވެފައިވާ މައްސަލަ ޙައްލުކުރުމަށް ބުރާސްފަތި ދުވަހު، އެއް ދުވަހުގެ މުއްދަތަކަށް ކަސްޓަމްސް ބިލްޑިން ގައި ބޭއްވި ''އުލިގަމް ޔޮޓް މަހާސިންތާ'' ގައެވެ. އެ މަހާސިންތާގައި ކަސްޓަމްސް، އުލިގަމް ކައުންސިލް، އެމްޓީއައިޑީސީ، ބޯޓިން އެސޯސިއޭޝަންގެ އިތުރުން އަމިއްލަ ފަރާތްތަކުން ބައިވެރިވިއެވެ.

މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ކަސްޓަމުން ބުނީ، އުލިގަމަށް ބަނދަރުކުރާ ޔޮޓުތަކުން ނަގާ ހުރިހާ ފީތަކެއް ކުޑަކުރުމަށް ވާރކްޝޮޕްގައި ބައިވެރިވި ފަރާތްތަކުގެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އުލިގަމް ކައުންސިލުން ބުނެފައިވާ ގޮތުން މީގެކުރިން ޔޮޓްތަކުން ފީއެއްގެ ގޮތުގައި ނަގަމުން އައީ 13،000 ދިވެހި ރުފިޔާއެވެ.

Advertisement

ފީގެ ގޮތުގައި ނަގާ އެ ޢަދަދު ބޮޑުވުމުން އެ ރަށަށް ބަނދަރުކުރާ ޔޮޓްތަކުގެ ޢަދަދުވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ. ކައުންސިލުން ބުނެފައިވާ ގޮތުން ކުރިން 100 އަށް ވުރެ ގިނަ ޔޮޓް އެ ރަށަށް އަންނައިރު މިހާރު އެ ޢަދަދު 50 އަށް ތިރިވެފައިވާ ކަމަށެވެ. އުލިގަމް ކައުންސިލްގެ ރައީސް ވިދާޅުވީ، މި ނިންމުމާއެކު ފީގެ 25 އިންސައްތަ ދަށްވެގެން ދާނެކަމަށެވެ.

މަހާސިންތާގައި ނިންމި ނިންމުމާއެކު ރައްޔިތުންގެ މަޖިލީހުގެ އިޤުދިޞާތީ ކޮމިޓީއަށް އެ ނިންމުން ފޮނުވުމަށް ވަނީ ނިންމާފައެވެ.

ބައެއް މުއައްސަސާތަކުން އެއްކޮށް ފީތައް ކަނޑުވާލައްވާ. އެހެންވީމާ ވަރަށް ބޮޑު ތަނެއް ލުއިވެގެންދާނެ.
އަހުމަދު މުއާޒް މުހައްމަދު ~ އުލިގަމް ކައުންސިލް ރައީސް ~

ކައުންސިލްގެ ރައީސް ވިދާޅުވީ ގޮތުގައި، ފީ ކުޑަ ކުރުމާއެކު އުލިގަމުގެ ރައްޔިތުންނަށް ލިބިގެންދާނެ އެންމެ ބޮޑު އެއް އުފަލަކީ، އެ ރަށުގެ އިޤުތިޞާދު ރަނގަޅުވެގެން ދިޔުން ކަމަށެވެ.

މަހާސިންތާގައި ވާހަކަދައްކަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ, އެ މަހާސިންތާ އަކީ ވަރަށް ތާރީޚީ މަހާސިންތާއެއް ކަމަށެވެ. ސަލީމް ވިދާޅުވި ގޮތުގައި އެ މަހާސިންތާ ތާރީީޚީ މަހާސިންތާއަކަށްވީ ސަބަބަކީ، އެއީ ވަކިރަށެއްގެ ވަކި ކަމަކަށް ޚާއްސަކޮށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތައް ބައިވެރިވާ ގޮތުން މަހާސިންތާއެއް ފުރަތަމަ ފަހަރަށް ބޭއްވުން ކަމަށެވެ.

ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ޔޮޓްފަހަރަށް އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި ބެލެވޭ އުލިގަމަށް ޔޮޓު އައުން އިތުރުވާނެ މަގު މިސަރުކާރުގައި ތަނަވަސްކޮށްދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުލިގަމުގައި ވަޢުދުވެ ވަޑައިގެންފައިވެ އެވެ.

ރައީސް އުލިގަމުގައި ވިދާޅުވީ ޔޮޓުތައް އައުން މަދުވީ އެ އުޅަނދުފަހަރުން ނަގާ ބޮޑެތި ފީތަކުގެ ސަބަބުން ކަމަށެވެ. އެކަން ޙައްލުކޮށް އެ ރަށަކީ ޔޮޓު ފަހަރުގެ މަޤުބޫލު މަންޒިލަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް