ރާއްޖޭގެ ރަށްތައް އާދަޔާ ޚިލާފަށް ގިރަމުންދާތީ މިމައްސަލަ ދިރާސާކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޓީމުތައް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ށ އަތޮޅުން ހިމާޔަތްކޮށްފައިވާ ތިން ޞަރަހައްދުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ތަންތަން ހިމާޔަތްކުރަނީ ކީއްކުރަންކަން އެންމެންވެސް ވިސްނާލަންޖެހޭ ކަމަށެވެ. އަދި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ޤުދުރަތީ މާޙައުލާއި ނިޒާމުތަކަށް އަންނަ ނޭދެވޭ ބަދަލުތައް ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ރާއްޖޭގެ ރަށްތައް އާދަޔާ ޚިލާފަށް ގިރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިބަދަލުތައް އަންނަ ސަބަބުތައް ދިރާސާކޮށް ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
މިބައްދަލުވުމަކީ ށ އަތޮޅުގައި ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ޞަރަޙައްދުތައް ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ގޮތަކާއި ގުޅޭގޮތުން އެޞަރަޙައްދުގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކުން ކުރިޔަށްގެންދާ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން ށ. ފުނަދޫގައި ބޭއްވި ބައްދަލުވުމެކެވެ. ށ އަތޮޅުގައި ހިމާޔަތްކޮށްފައިވާ ތިން ޞަރަޙައްދަކީ ށ. ބޮލިއްސަފަރު، ށ.ފަރުކޮޅު އަދި ށ. ނާލާހުރާ ފިނޮޅެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތަކުން ބޮޑުތިލަދުން މައްޗަށް ކުރަމުންދާ ދަތުރުގެ ތެރެއިން ދެން އޮންނާނީ ކެނދިކުޅުދޫގައި ނ އަތޮޅުން ހިމާޔަތްކޮށްފައިވާ ޞަރަޙައްދުތަކުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުމެވެ.