ކޮރޯނާ ވައިރަސްގެ ރިސްކް އެސެސްމަންޓްގެ ނަތީޖާ ދައްކާގޮތުގައި ރާއްޖެއަށް މި ބަލީގެ "އައުޓްބްރޭކް" އެއް ފެނުމުގެ ފުރުސަތު ބޮޑު (ހައި ރިސްކް) ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ބުދަ ދުވަހު، ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން މިހާތަނަށް އަޅާފައިވާ ރާއްކާތެރިކަމުގެ ފިޔަވަޅުތައް ހާމަކޮށް ހެލްތް މިނިސްްޓްރީން ބުނެފައިވަނީ ހެލްތް އެމެޖެންސީ ކޮމިޓީ އަދި ހެލްތް އެމެޖެންސީ އޮޕަރޭޓިންގ ސެންޓަރ (ޓާސްކްފޯސް) އެކުލަވާލައި، މަޝްވަރާ ބައްދަލުވުން ކޮންމެ ދުވަހަކު ގަވާއިދުން ބޭއްވޭކަމަށެވެ. އެގޮތުން ކޮރޯނާ ވައިރަސްގެ ރިސްކް އެސެސްމަންޓް ހަދައިފައިވާއިރު، ރާއްޖެއަށް މި ބަލީގެ "އައުޓްބްރޭކް" އެއް ފެނުމުގެ ފުރުސަތު ބޮޑު (ހައި ރިސްކް) ކަމަށް ނަތީޖާއިން ދައްކާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
20 ޖަނަވަރީ 2020 ގައި ހެލްތް މިނިސްޓްރީގެ ފަރާތުން މި ބައްޔާއި ގުޅޭ ފުރަތަމަ މީޑިޔާ ސްޓޭޓްމަންޓް ހާމަކޮށްފައިވާއިރު ،22 ޖަނަވަރީ 2020 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތާރމަލް ސްކްރީނިންގ ސެޓަޕް (1 ކެމެރާ) ހަދާފައިވާކަމަށް މިިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތާރމަލް ކެމެރާ ހަރުކުރެވި، އެހެނިހެން "ޕޮއިންޓް އޮފް އެންޓްރީސް" ގައި ކެމެރާ ހަރުކުރުމަށް ބޭނުންވާ ކެމެރާ ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ އާއި އެސް.ޓީ.އޯ ގުޅިގެން ކުރަމުންދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
22 ޖެނުއަރީގައި ބަޔާނާއި ގުޅޭ ގޮތުން ފުރަތަމަ ޕްރެސް ބްރީފިންގްއެއް ބާއްވާފައިވާއިރު 12 އެނދުގެ ކޮރޯނާ ވައިރަސްއަށް ޙާއްސަ އައިސޮލޭޝަން ފެސިލިޓީއެއް މިހާރު ވަނީ ހުޅުމާލޭގައި ތައްޔާރުކުރެވިފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކޮށް މި ބަލީގެ ސަބަބުން ޙާލަތު ސީރިއަސް ވާ ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ޙާއްސަ 4 އެނދުގެ އައި.ސީ.ޔޫ ފެސިލިޓީއެއް ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާފައި ވަނީ ގާއިމްކޮށްފައެވެ. އަދި ބައްޔަށް ޝައްކުކުރެވޭ މީހުން ޓްރާންސްފަރ ކުރުމަށްޓަކައި 3 އެމްބިއުލެންސް (1 އެމްބިއުލެންސް އައި.ޖީ.އެމް.އެޗްގައި، 1 އެމްބިއުލެންސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަދި، 1 އެމްބިއުލެންސް ހުޅުމާލޭގައި) ވަނީ ޙާއްސަ ކޮށްފައެވެ. އަދި 28 ޖަނަވަރީ 2020 ގައި ކޮރޯނާ ވައިރަސްއާ ގުޅޭ ކްލިނިކަލް ގައިޑްލައިންސް ހިމެނޭ ގޮތަށް ސްޓޭންޑަރޑް އޮޕަރރޭޓިންގ ޕްރޮސީޖާރސްތައް ހެލްތް މިނިސްޓްރީން ވަނީ ތައްޔާރުކޮށްފައެވެ.