މިދިޔަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ޤާތިލު ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދަށް އެފަދަ އެހެން މައްސަލައެއްގައި އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އިއްވެވި މި ހުކުމުގައި ބުނެފައިވަނީ އަދުހަމުގެ މައްޗަށް ކޮށްފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ތިމާގެ ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަަމަށާއި، އޭނާގެ މައްޗަށް 1 އަހަރާއި 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވަވާ ކަމަށެވެ.
މި މައްސަލައިގައި އަދުހަމުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ރޭ ރަށްދެބައިމަގު ޑްރީމް ގެސްޓް ހައުސް ކުރިމަތީގައި ބަހައްޓާފައިހުރި ސައިކަލެއް އެހެން މީހަކު މެދުވެރިކޮށް ހުޅުމާލެއަށް ގެންގޮސްފައިވާތީއެވެ.
ހުޅުމާލޭ ޓަރމިނަލް ކައިރީގައި ސައިކަލު ޕާކްކޮށްފައި ހުއްޓައި ހޯދާފައިވާއިރު، އަދުހަމު ވަނީ އޭގެ މަޑި ދަށުގައި ހުރި ތަކެތި ޓްރެކް ސަރަހައްދު ވަލުތެރެއަށް އުކާލާފައެވެ.
އޭގެ އިތުރުން، ދައުލަތުން ކޮށްފައިވާ މި ދައުވާގެ އިބްތިދާޢީ މަރުޙަލާއާއި އަވަސް ނިޔާގެ މަޖިލީހުގައި އަދުޙަމް ކުށަށް އިއުތިރާފު ވެފައިވާކަންވެސް ޙުކުމުގައި ފާހަގަ ކޮށްފައިވެއެވެ.
2016 ވަނަ އަހަރުގެ މި މައްސަލައިގައި 4 އަހަރު ފަހުން ޝަރީއަތުގެ މަރުޙަލާ ނިމި ހުކުމް އިއްވާފައިވާއިރު، ފޭރުމުގެ ތެރޭގައި އަދުޙަމް ދިން ހަމަލާއެއްގައި ނިމިދިޔަ އަހަރު އުމުރުން 59 އަހަރުގެ ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން ވަނީ މަރާލާފައެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އަދުހަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި ފޭރުމާއި މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. އެގޮތުން ގާސިމް މަރާލި ދުވަހު ވެސް އޭނާ މަސްތުވުމަށާއި ޒަރޫރީއެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށް ފޭރުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި މާލެއިންނާއި ހުޅުމާއިން ބަޔަކާއެކު މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ގާސިމަށް ވަޅިން ހަމަލާދިން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައި އެއްބަސް ވެފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ކޯޓުގައި ވެސް ގާސިމަށް ވަޅި ހަމަލާދިން ކަމަށް އިއުތިރާފުވެފައެވެ.
ފޭރުމާއި މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން މުޖުތަމައަށް ދޫވެފައި ތިބުމަކީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.