ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 17:51
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ޓްވިޓަރ
މަގޭ ރިޕޯޓް
ސިޓީއެއްގެ ދަރަޖައާއެކު، ފުރިހަމަ ހިދުމަތް ވެސް ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންވޭ!
ސިޓީއަކަށް ބަދަލުވެ ސިޓީއަކުން ލިބެންޖެހޭ ފުރިހަމަ ހިދުމަތް ލިބިގެން ދިއުމަކީ އުއްމީދެއް
ކުރިއަށް އޮތްތަނުގައި ރަށަށް ބޮޑެތި ބަދަލުތަކެއް އައިސް ކުރިއަރައިގެންދާނެކަމަށް ރައްޔިތުން ގަބޫލުކުރޭ
މިއީ އެތަކެއް އަހަރުތަކެއްވީ އުއްމީދެއްގައި ކުލަޖެހިގެން ދިއުން ކަމަށް ރައްޔިތުން ގަބޫލުކުރޭ

ރާއްޖޭގެ އުތުރުން އެންމެ އާބާދީ ބޮޑު ކުޅުދުއްފުށި ނުވަތަ މިހާރުގެ ނަމުން ނަމަ ކުޅުދުއްފުށި ސިޓީއަކީ އެތަކެއްދުވަސްތަކެއް ވަންދެން ސިޓީއެއްގެ ދަރަޖަ ހޯދަން މަސައްކަތް ކުރި ބައެކެވެ. މިއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 2020 ވަނަ އަހަރު ފެށުމުގެ "ހަދިޔާ"އެއްގެ ގޮތުން، ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަދެއްވާފައެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެެއްވީ، އެ ރަށުގެ އާބާދީ 10،000 ފަހަނައަޅާ 10،210 މީހުން ހަމަވިފަހުންނެވެ.

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުންނާއި އަތޮޅު ކައުންސިލުން ވަނީ 2018 ވަނަ އަހަރު ފަށާފައެވެ. ނަމަވެސް އެއަށް ސީދާ ވަކި ނިންމުމެއް އެއިރު ނިންމާފައި ނުވެއެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އެރުމާއެކު އެ ރަށު ކައުންސިލާއި އަތޮޅު ކައުންސިލުން ކުރަމުން އައި މަސައްކަތް ނިނުމަކަށް އައިސް އެރަށަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

ނަމަވެސް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ބޭނުންވަނީ ސިޓީއެއްގެ ދަރަޖަ އެކަންޏެއް ނޫންނެވެ. ފުރިހަމަ ސިޓީއަކުން ދޭންޖެހޭ ހުރިހާހިދުމަތެއް އެންމެ ފުރިހަމަ ގޮތުގައި އެ ސިޓީގެ ރައްޔިތުން ބޭނުންވެއެވެ. ބައެއް ސިޔާސީން ބޭނުންކުރާ ބަސްކޮޅަކުން ބުނާނަމަ "ސިޓީ އެކޭ ކިޔާފައި ބޭސް ސިޓީއެއް" ބޭނުމެއް ނުވެއެވެ.

"ރާއްޖެ އެމްވީ" އިން ވަނީ ކުޅުދުއްފުއްޓަށް ދަތުރެއްކޮށް ކުޅުދުއްފުށީގެ އެކި އުމުރު ފުރައިގެ މީހުންނާއި ބައްދަލުކޮށް އެމީހުންގެ ހިޔާލު ހުރިގޮތް ސާފުކޮށްފައެވެ. ވާހަކަ ދެއްކުނު އެއްމެންވެސް ތިބީ މިއީ ފަހުރެއްކަމަށް ބަލައިގަނެ އެކަމާ އުފަލުންނެވެ. ނަމަވެސް އެ މީހުންގެ ސުވާލަކަށް ވެގެން ދިޔައީ މިހިސާބުން ނިމުނީހެއްޔެވެ؟ ކަން ނުވެ ނަންވެ ނިމުނީހެއްޔެވެ؟

"ރާއްޖެ އެމްވީ" އާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނީ ސިޓީއެއްގެ ލަގަބަކީ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށެވެ. ނަމަވެސް އެއާ އެއްވަރަށް ރަށަށް ތަރައްގީއާއި ކުރިއެރުން އަދި ސިޓީއަކުން ލިބެންޖެހޭ ހުރިހާ ހިދުމަތެއް ލިބުމަކީ މިކަން އޮންނަ ގޮތުގައި ކުރުން ކަމަށް ދެކޭ ކަމަށެވެ.

ކުޅުދުއްފުށި ސިޓީރައްޔިތުންގެ ހިޔާލު ހުރި ގޮތް

މިއީ ވަރަށް މުހިންމު ކަމެއް. ސިޓީއެއްގެ ދަރަޖަ ލިބުމަކީ މި ރަށަށް ވެސް އަދި މި ސަރަހައްދަށް ވެސް މީގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ. އިތުރު ޕްރޮޖެކްޓެއް މިހިސާބަށް އަންނާނެ ރަނގަޅު ފާލެއްކަމަށް ދެކެނީ،
ކުޅުދުއްފުށި ރައްޔިތެއް
މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ދެކެނީ. ރަށުގެ ތަރައްގީގެ ދުވެލި ބާރުވާނެ ކަމަށް އަޅުގަނޑުވެސް އަދި އެންމެން ވެސް ދެކެން. ވަރަށް ދެކެން ބޭނުންވި ދުވަހެއް މިއީ އަސްލު. މީގެ އަސްލު ކުލަ މީރުކަމެއް އަންނަނީ ތަރައްގީއަށް ބަދަލުތަކެއް އަންނަން ފެށީމަ.
ކުޅުދުއްފުށި ރައްޔިތެއް
ރަނގަޅުވާނެ ކަމަށް ގަބޫލުކުރެވެނީ. ރަނގަޅުވެއްޖެއްޔާ ކިތައްމެހާ ވެސް ރަނގަޅު ހުރިހާ އެއްމެންނަށް ވެސް. މިހާރު 10000 ހަމަވެގެންތާ ސިޓީއަކަށްވީ. އެހެންވީމަ ރަނގަޅުވާނެ ކަމަށް ގަބޫލުކުރަނީ.
ކުޅުދުއްފުށި ރައްޔިތެއް
ކުޅުދުއްފުށި ރަށު ކައުންސިލް އިދާރާ ކުރިމަތިން އެރަށު މީހަކު ބައިސްކަލުގައި ދަނީ
ސިޓީއަކަށް ބަދަލުވީމަ ސަރުކާރުގެ އެހީ ބޮޑަށް ލިބޭނެ ކަމަށް ގަބޫލުކުރަން. އަދި ބަޖެޓަށް މިހާރު ރަށުން ލިބޭ އާމްދަނީ ވަކިވަރަކަށް ލިބެން އެބައޮވޭ.
ކުޅުދުއްފުށި ރައްޔިތެއް
ކުރީގެ ކަތީބުންގެ ދުވަސްވަރަށްވުރެ ކައުންސިލް އައީމަ ކުޅުދުއްފުއްޓަށް ވަކި ރަނގަޅުގޮތެއް ނުވޭ. ސިޓީއަކަށް ބަދަލުވީމަ އަންނާނެ މާ ބޮޑު ބަދަލުތަކެއް ނޭނގޭ. ސިޓީއަށް ބަދަލުވީމަ އުފާވެރި އިހުސާސަތްކެއް ކުރެވޭ.
ކުޅުދުއްފުށި ރައްޔިތެއް

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވި ނަމަވެސް، އެކަމުން ލިބޭނެ ފައިދާއާއި އައި އެއީ ކިހިނެއްވާ ކަމެއްކަމުގެ މައުލޫމާތު ނުލިބި ހުރުމަކީ ވެސް އާންމުންގެ ކަންބޮޑުވުމެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ސިޓީއެއްގެ ނަން ލިބުނަން މިކަމުގައި އެންމެ ފައިދާ ކުރާނެ ގޮތެއް ކަނޑައެޅުން މުހިންމުކަމަށް އެފަރާތްތަކުން ދެކެއެވެ.

ނިންމުން ވަރަށް ރަނގަޅު. ވަކި ގޮތަކަށް ނިންމި ކަމުގައި ވިޔަސް، އިމްޕްލިމެންޓޭޝަނުން އެ އަންނަ ދަތިތަކުން އަރައިގަނެވި ރަނގަޅު ގޮތަކަށް އިމްޕްލިމެންޓް ކޮށްގެން ނޫނީ ރަށް އެކަމުގެ ސަބަބުން ފައިދާ ފުރިހަމަކަމާއެކު ލިބޭނެ ކަމަށް ގަބޫލެއް ނުކުރަން. ވަރަށް ބޮޑަށް އެމްފަސައިސް ކުރަންޖެހޭ ސިޓީއެއްގެ ދަރަޖަ ނަމުގައި ދިނަސް ނުވާނެ ކަމާއި، އޭގެ ފުލް ޕޮޓެންޝަލްގައި ބޭނުންކުރެވޭނެ ވަރަށް ފައިނޭންޝިއަލީ އަދި އެހެން ގޮތްގޮތުން ވެސް އެހީތެރިކަން ލިބިގެން ފުލް ފުލެޖް ސިޓީއެއްގެ ގޮތުގައި ކުޅުދުއްފުށި ކުރިއަށްދާނީ. އަދި މިތަނުން ލިބެން ހުންނަ ހިދުމަތްތައް ރަނގަޅުކޮށް އަޕްރޭޑްވެގެން އެ ހިދުމަތް ލިބެންޖެހޭނަކަމަށް ގަބޫލުކުރަނީ،
ކުޅުދުއްފުށި ރައްޔިތެއް
މިކަމުގެ ސަބަބުން ހަގީގަތުގައި ކުޅުދުއްފުއްޓަށް ތަރައްގީ އަންނާނެކަމަށް ގަބޫލުކުރަނީ. ސިޓީއަކަށް ބަދަލުވުމަކީ ރަނގަޅު ފާލެއް. ނަމަވެސް ކަންބޮޑުވުންތަކެއް އެބަހުރި. އެއީ ސިޓިއަކަށް ބަދަލުވުމުގެ ކުރިން ރައްޔިތުންނަށް ދޭންޖެހޭ ފުރިހަމަ މައުލޫމާތާއި، ރައްޔިތުންގެ ހޭލުންތެރިކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ސިޓީއަކަށް ބަދަލުވީމަ ރައްޔިތުން މިތިބީ ނޭނގުމެއްގެ ތެރޭގައި. މިވަގުތު މި އޮތީ ނަމަކަށް ސިޓީ ކައުންސިލް އުފެދިފައި. ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ހުރޭ. އެހެންނަމަވެސް ސިޓިއަކަށް ބަދަލުވި އިރު އެދެވޭ އެއްވެސް ބަދަލެއް ނައިސް މިހުރީ،
ކުޅުދުއްފުށި ރައްޔިތެއް
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް އައިސްދާނެކަމަށް ގަބޫލުކުރަނީ. އާދައިގެ ރަށު ކައުންސިލަކަށް ވުރެ ކޮންމެ ގޮތެއްވިޔަސް ސިޓީ ކައުންސިލަށް އެބަލިބޭ އިތުރު ބާރުތަކާ އެއްޗެހި. އަދި ވަރަށް ބޮޑުތަން ކުރިއަރައިގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،
ކުޅުދުއްފުށި ރައްޔިތެއް

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުމާއި ގުޅިގެން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ހދ. އަތޮޅު ކައުންސިލްގެ ރައީސް އާދަމް އަލީ ވިދާޅުވީ ކުޅުދުއްފުށީ ގިނަ ރައްޔިތުން ބޭނުންވަނީ ކުޅުދުއްފުއްޓަށް ވެސް ގާނޫނަކުން ލިބެން ލާޒިމްވާ ދަރަޖަ ހޯދުމަށް ކަމަށެވެ. އަދި ސިޓީ ކައުންސިލެއް އިންތިހާބުވެގެން ދިއުމުން ރަށަށް އެ ފައިދާތައް ލިބިގެންދާނެ ކަމަށެވެ.

މިހާރުގެ ސަރުކާރުން ކޮންމެހެން ވެސް ބޭނުންވޭ އެރަށެއްގެ ހިންގާ ތަރައްގީގެ މަޝަރޫއުތައް 15 މިލިއަންގެ ދަށުގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނީ ސިޓީ ކައުންސިލް މެދުވެރިކޮށް. އަދި މަޝްރޫއުތައް ކުރިއަށްދާ އިރު ކައުންސިލްގެ ބައިވެރިވުން އެ ޕްރޮޖެކްޓެއް ރާވާ އިރު ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން އެކަންކަން ކުރިއަށް ގެންދާނެ ކަމަށް. މިއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،
ހދ. އަތޮޅު ކައުންސިލްގެ ރައީސް އާދަމް އަލީ
ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު ބާއްވާ ހޮނިހިރު ބާޒާރުގެ ތެރެއިން

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން ވިދާޅުވީ ސިޓީއެއްގެ ދަރަޖަ ލިބުމަކީ ކުޅުދުއްފުއްޓަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ސިޓީއެއްގެ ދަރަޖަ ލިބުމާއެކު އިދާރީ ގޮތުން ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ސިޓީގެ ދަރަޖަ ލިބުމުގެ ކުރިންވެސް ސިޓީއެއްގެ ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ ހިދުމަތެއް ކައުންސިލުން ދިޔައީ ދެމުން ކަމަށާއި، ސިޓީގެ ދަރަޖަލިބުމުން މިހާރު އަމަލުކުރަމުން އަންނަ އޮނިގަނޑަށް ބަދަލުތަކެއް އައިސް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ ސަބަބުން ކައުންސިލް އިދރާގެ މުވައްޒަފުން އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ. އޭގެ ސަބަބުން މިހާރު ދެމުންދާ ހިދުމަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ. މިވަގުތަށް ވަރަށް މުހިންމު ކަމެއް ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދިއުމަކީ. ވަރަށް ގިނަ ދުވަސް ވެއްޖެ ކުޅުދުއްފުށީގައި ދިރިއުޅޭ އާބާދީ 10،000 އަށް ނޭރި ނަމަވެސް ކުޅުދުއްފުށީ ކައުންސިލުން ދެމުން އައީ ސިޓީކައުންސިލަކުން ދެމުން އައި ހިދުމަތްތަކެއް،
ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން
ކުޅުދުއްފުށި ސިޓީ

ކޮންމެއަކަސް ކުޅުދުއްފުށީ ރައްޔިތުންނަށް ލިބުނު އުފާވެރިކަމާއި އެއްވަރަށް އެސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތައްވެސް އެބަހުއްޓެވެ. ގިނަ ބަޔަކު މިއީ ރަނގަޅު ފެށުމެއް ކަމަށް ދެކޭއިރު، އެކަކުވެސް އެވަރުން ފަރުޖައްސާލައިގެން ތިބޭކަށް ބޭނުމެއް ނުވެއެވެ. އެވެރިންގެ ބަހަށް ބަލާއިރު، މިކަން ވާންޖެހޭނީ ކުޅުދުއްފުށީގެ ޒަމާނީ ތަރައްގީގެ ފެށުމަކަށެވެ. އަދި ގިރާ ކުރަން ހުރި ހަރުފަތްތައް ގިނައެވެ.

އުއްމީދުން ފުރިގެން ތިބި ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ދެން އެންމެ ދެކެން ބޭނުންވަނީ، މިލިބުނު ދަރަޖައާ އެއް ފެންވަރުގެ ހިދުމަތްތަކެއް ރަށުގައި ގާއިމްކުރެވިގެންދާ މަންޒަރެވެ. ސިޓީއެއްގެ ދަރަޖަ ލިބުމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނީ، އެދުވަހަކުން ކަމާއިމެދު އެސިޓީގެ ރައްޔިތުންގެ މެދުގައި ޝައްކެއްވެސް ނެތެވެ.

- ކޮމެންޓް