މޯލްޑިވްސް ފުޑް ފެސްޓިވަލް މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މިސްޓީކްގެ ފަރާތުން އިންތިޒާމު ކުރާ މި އިވެންޓް ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް އަލިމަސް ކާނިވަލުގައި ކުރިއަށްދާނެއެވެ.
މި ފެސްޓިވަލަކީ ރެސްޓޯރެންޓާއި ކެފޭ އަދި ބޭކަރީތަކުން ތައްޔާރުކުރާ އެކި ބާވަތްތަކުގެ ކާބޯތަކެތި ދައްކާލުމުގެ އިތުރުން ޢާންމުންނަށް އެ ތަކެތީގެ ރަހަ ދައްކާލުމަށް ބާއްވާ ފެސްޓިވަލެކެވެ. މި ފެސްޓިވަލުގައި 100 ސްޓޯލް ހުންނާނެ ކަމަށާއި ދިހަ ސްޓޯލެއްގައި ޢާންމުންނަށް ކާބޯތަކެތި ރަހަ ބެލުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށް މިސްޓީކުން ބުނެއެވެ.
އަދި ސްޕައިސީ ރާމެން ޗެލެންޖްގައި ބައިވެރިވުމަށް ޓިކެޓް ގަނެވޭނެ ކަމަށް މިސްޓީކުން ބުނެއެވެ. ސްޕައިސީ ރާމެން ޗެލެންޖް ފެސްޓިވަލް ނިމެންދެން ކޮންމެ ދުވަހަކު އޮންނާނެ ކަމަށާއި އެއްވަނައަށް ދާ ފަރާތަކަށް 1000 ރުފިޔާ ލިބޭނެ ކަމަށް ވެސް މިސްޓީކުން ބުންޏެވެ. ފެސްޓިވަލްގެ ފަހު ދުވަހު އޮންނަ ޗެމްޕިއަންސް ޗެލެންޖްގައި އެއްވަނަ އަށް ދާ ފަރާތަކަށް 5000 ރުފިޔާ ލިބިގެންދާނެއެވެ.
މިސްޓީކުން އިތުރަށް ބުނީ މި ފެސްޓިވަލުގައި ބައިވެރިވާ ފަސް މީހުންގެ ޓީމަކަށް އެއް ޓިކެޓް ހިލޭ ލިބޭނެ ކަމަށާއި ފެސްޓިވަލުގައި ބައިވެރިވާން ޓިކެޓް ގަންނަ ކޮންމެ އެއްހާސް ވަނަ މީހަކަށް 1000 ރުފިޔާ ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރެސްޓޯރެންޓާއި ކެފޭ އަދި ބޭކަރީތަކުން އެންމެ ގިނަ ސޭލްސް ހަދާ ފަރާތަކަށް 10000 ރުފިޔާ ލިބިގެންދާނެކަމަށެވެ.
މި ފެސްޓިވަލަށް ކުޑަކުދިން ޒިޔާރަތްކުރާނެކަން ފާހަގަކޮށް މިސްޓީކްގެ ފަރާތުން ބުނީ ޢާންމުންނަށް ނުވަތަ އެކި އެންޖީއޯތަކަށް ފަސް ސްޓޯލް ހިލޭ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.