ޚާރިޖީ އަދި ދާޚިލީ އިސްތިޤްލާލަކީ ޤައުމެއް ދެމިއޮތުގެ މުހިންމު އެއް ޢަސާސް ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަމަށް ހަމަޖެހުން ޤާއިމުކުރުމަކީ އެންމެންގެ މަސްއޫލިއްޔަތަކާއި ޒިންމާއެއް ކަމަށެވެ.
އިންސާނީ ހަޟާރަތު ޤައުމުތައް ބިނާވެ، ޤައުމުތަކުގެ ރައްޔިތުންގެ މައްޗަށް ޤައުމެއްގެ ޤައުމިއްޔަތު ބިނާވެގެންދާ ހިނދު ޤައުމަކަށް މުހިންމު ދެ ކަމެއް ބިނާވެގެންވޭ، ހާރިޖީ އިސްތިގްލާލާއި ދާހިލީ އިސްތިގްލާލަކީ މުހިންމު އަސާސެއް، މި ދެކަން ކަށަވަރު ކުރުމަކީ ޤައުމެއް ދެމި އޮތުމުގައި މުހިންމު ލާޒިމްކަމެއްހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި
ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންފައިވާއިރު މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް، އައްޝައިޚް އިމްރާން ޢަބްދުﷲއެވެ. މިރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާއިގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. މި ދުޢާ ކޮށްދެއްވާފައިވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމްގެ އިމާމް، އައްޝައިޚް ނަޞްރުﷲ ޢަލީއެވެ.
މި އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި ދައުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަހުއެވެ. މިދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހި ޤައުމު މިނިވަން ކުރުމަށް އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ކުރެއްވި މިންނެތް މަސައްކަތުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދުވަހާއި ގުޅުވައިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައެވެ. މިފަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ވަނީ ބާއްވާފައެވެ. އަދި މި ދުވަހާއި ގުޅުވައިގެން އޮންނަ ދެވަނަ ޖަލްސާ އޮންނާނީ އަންގާރަ ދުވަހުގެ ރޭ ހއ. އުތީމުގައެވެ.