ރާއްޖެއިން ބޭރު ހަނގުރާމައެއްގައި ބައިވެރިވުމަށް ގޮސް ތިބި ދިވެހި އާއިލާތަކެއް އަނބުރާ ރާއްޖެ ގެނެސްފައިވާކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، ހަނގުރާމަވެރި އެކި ސަރަޙައްދުތަކުގައި ދިވެހިންކަމަށް ބެލެވޭ 100 އެއްހާ މީހުން ތިބިއިރު އޭގެ ތެރެއިން 90 މީހުން އަނބުރާ އަންނަން ބޭނުންވާކަމަށް ސަރުކާރަށް މައުލޫމާތު ލިބިފައިވާކަމަށާއި އެކަން ކަށަވަރުކުރަމުންދާކަމަށެވެ.
އިހުސާން ވިދާޅުވީ، 2022 ޖޫން މަހުގައި ދިވެހި 5 އާއިލާއެއް ހާލުގައި ޖެހިފައިވާކަމަށް މައުލޫމާތު ލިބުމާއެކު، އެއީ ދިވެހިންކަން ކަށަވަރު ކުރުމުގެ މަސައްކަތްތަކެއް އޭރު ފުލުހުންނާއި ނޭޝަނަލް ރީ އިންޓަގްރޭޝަން ސަރވިސަސްއިން ކޮށްފައިވާ ކަމަށެވެ.
އަދި އެމީހުންނަކީ ދިވެހިންކަން ކަށަވަރު ކުރުމަށް ޑީއެންއޭވެސް އޭރު ހަދާފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. އެއީ 5 އާއިލާއަކަށް ނިސްބަތްވާ 21 މީހެކެވެ.
އިހުސާން ވިދާޅުވީ އޭގެ ތެރޭގައި 15 ކުޑަކުދިންނާއި 6 ބޮޑެތި މީހުން ހިމެނޭއިރު، އޭގެ ތެރެއިން 5 މީހުންނަކީ އަންހެނުން ކަމަށެވެ. ކުޑަކުދިންގެ ތެރޭގައި 3 އަހަރުގެ ކުދިންވެސް ހިމެނޭކަން އިހުސާން ފާހަގަ ކުރެއްވިއެވެ.
އިހުސާން ވިދާޅުވީ، އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށާއި، އެ ކުދިންނަށްވެސް އާންމު ދިރިއުޅުން ލިބުމުގެ ޙައްޤު އެބައޮތް ކަމަށެވެ.
އަދި ހަނގުރާމަތަކުން އަނބުރާ ގެންނަ ރައްޔިތުންގެ ފަރާތުން ދިވެހިންނަށް އެއްވެސް ބިރުވެރިކަމެއް ނޯންނާނެކަން ކަށަވަރު ކުރައްވާނެކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ބައެއް މީހުން އަންގާރަ ދުވަހު ރާއްޖެ އައި ފްލައިޓަކުން ވަނީ ރާއްޖެ ގެނެސްފައެވެ. އަދި އެމީހުން ނޭޝަނަލް ރީ އިންޓަގްރޭޝަން ސެންޓަރަށް ވަނީ ގެންގޮސްފައެވެ.
އިހުސާން ވިދާޅުވީ، އަންގާރަ ދުވަހު ގެނެވުނު ބައެއް އާއިލާތަކަކީ އިންޑިއާއަށް ބޭސްފަރުވާއަށް ގެންދެވުނު އާއިލާތަކެއްކަމަށެވެ.
އެ ސެންޓަރުގައި މީގެ ކުރިންވެސް އެފަދަ އާއިލާއެއް ގެނެސް، ރިހެބިލިޓޭޝަން މަރުޙަލާ ކުރިއަށް ގެންގޮސް، އެ އާއިލާ މިހާރު މުޖުތަމައުގެ ތެރެއަށް ނެރެފައިވާކަމަށްވެސް އިހުސާން ވިދާޅުވިއެވެ. އެ މުޅި ޕްރޮސެސްއަށް އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަވިކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، ރާއްޖެއަށް ގެންނަ މީހުންގެ ވަކިވަކި އެސެސްމަންޓުތައް ހަދައި، އެމީހެއްގެ ޙާލަތަށް އެކަށީގެންވާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެކަމަށެވެ.