ރައްޔިތުންނަށް ހައްޤުވާ ފްލެޓާއި ގޯތި ޖެހޭނީ ދޭން ކަމަށާއި ހަށިގަނޑުގައި ލޭހިގައި، ވިންދު ޖަހާހައި ހިނދަކު ރައްޔިތުންގެ ހައްޤުގައި އެމްޑީޕީން މި ކުރާ އިސްލާހީ މަސައްކަތް ހުއްޓާ ނުލާނޭ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ "ފުދިއްޖެ-ފުނޑިއްޖެ" ހިނގާލުމުގައި ވަހީދު ވިދާޅުވީ އެމްޑީޕީން މަގުމައްޗަށް ނުކުމެ މި ތިބީ މި ސަރުކާރުން ޤާނޫނު އަސާސީ ފުނޑާލައި، ރައްޔިތުން ހާލުގައި ޖެއްސުމުން ގައުމުގެ ރައްޔިތުންގެ ދިފާއުކައި ކަމަށާއި މި ސަރުކާރަށް ޖެހޭނީ އެ ރައްޔިތުންނަށް ހައްޤުވާ ގޯއްޗާއި ފްލެޓް ދޭންކަމަށެވެ. އަދި ވަހީދު ވަނީ ރިސޯޓް މުވައްޒަފުންނަށް ޑޮލަރުން ސާވިސް ޗާޖު ދިނުމަށް ވެސް މި ސަރުކާރަށް ގޮވައިލާފައެވެ.
ވަހީދު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރަމުން އަންނަ ޕާޓީއެއް ކަމަށާއި އެގޮތުން ހަށިގަނޑުގައި ލޭ ދައުރުވާހައި ހިނދަކު ރައްޔިތުންގެ ހައްޤުގައި ކުރަމުން ގެންދާ މަސައަކަތް ހުއްޓާނުލައްވާނޭ ކަމަށެވެ. އަދި މިހާރު މިތިބީ ދިވެހި ރައްޔިތުންގެ ހައްޤުގައި މަގުމައްޗަށް ނުކުމެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގޯއްޗާއި ފްލެޓު ހަމަ ދޭންށޭ ޖެހޭނީ. ސާވިސްޗާޖް ވެސް ޑޮލަރުން ހަމަ ދޭންށޭ ޖެހޭނީ. އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ހައްޤުގައި މިކުރާ މަސައްކަތް ހުއްޓައެއް ނުލާނަން. ހަށިގަނޑުގައި ވިންދު ޖަހާހައި ހިނދަކު، ލޭ ހިނގާހައި ހިނދަކު، މި މަސައްކަތް ހުއްޓައެއް ނުލާނަމޭ. ދިވެހި ރައްޔިތުންގެ ހައްޤުގައި މިތިބީ ނުކުމެއޭ.ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު
ވަހީދު، ވިދާޅުވީ ރައީސް މުއިއްޒާއި ދެކޮޅަށް، މަގުމައްޗަށް ނުކުމެ ތިބި މީހުންގެ އަދަދު ވަރަށް ރަނގަޅަށް މިހާރު ފެންނާނެ ކަަމަށާއި މީހުންގެ އަދަދު މިދަނީ ސީދާ ރައީސް މުއިއްޒުއަށް ދައްކަމުންކަމަށެވެ.
އޭނާ ވިދާޅުވީ އެންސްޕާ އާއި އާސަންދައާއި ދިވެހި މާލިއްޔަތު ވެސް މި ސަރުކާރުން މުޅިން ފުނޑާލައިފިކަމަށެވެ. އަދި މިއަދު މި ސަރުކާރުން ދިވެހިރައްޔިތުންގެ ހުރިހާ މުދަލެއް ވެސް އަދި އެންމެހާ ހައްޤުތަކެއްވެސް ފުނޑާލާފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ މަގުމައްޗަށް ނުކުމެ ރައްޔިތުންގެ ހައްޤުގައި ކުރާ މަސައްކަތުގައި ކުޑަކޮށްވެސް ވަރުބަލި ނުވާނޭ ކަމަށާއި އަދި މި ކުރާ މަސައްކަތުގައި އެންމެ ތަންކޮޅެއްވެސް ފަހަތައް ނުޖެހޭނޭކަމަށެވެ. އަދި ދިވެހިންގެ ހައްޤުތައް ހޯދައިދީފައި ނޫނީ ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލައްވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.