ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ލިބިއްޖެ އެވެ.
ނަމަވެސް މެސީ މި ފަހަރު އެވޯޑް ހަފުލާއަކަށް ނުދެ އެވެ. އެއް ބަޔަކު ބުނީ މެސީ އެވޯޑް ހަފުލާއަށް ނުދިޔައީ ފީފާ ދަ ބެސްޓް އެވޯޑް ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ. އެމެރިކާގެ އިންޓަމިއާމީ އަށް ކުޅެމުން އަންނަ ކުޅުންތެރިޔާ އަށް މިއީ ޕްރީ ސީޒަން ދުވަސްވަރެވެ. އެއީ އެމެރިކާ ލީގު ފަށާނީ ފެބްރުއަރީ މަހު ކަމަށްވާތީ އެވެ.
އޭނާއާ އެންމެ ގާތުން ވާދަކުރީ މެންޗެސްޓާ ސިޓީ އަށް ހަތަރު ތަށި ހޯދައިދިން ނޯވޭގެ ފޯވަޑް އާލިން ހާލަންޑް އާއި ފްރާންސާއި ޕީއެސްޖީގެ ފޯވަޑް ކީލިއަން އެމްބާޕޭ އެވެ. މެސީ އެވޯޑް ބަލައި ނުދިޔައިރު އެވޯޑް ހަފުލާގައި އޭނާގެ ނަން އިއުލާނުކުރުމަށްފަހު ޝޯ ހޯސްޓްކުރި ފްރާންސްގެ ކުރީގެ ފޯވަޑް ތިއޭރީ އޮންރީ ބުނީ މޮޅު ކުޅުންތެރިޔާ ހަފުލާގައި ނެތް ކަމަށެވެ.
ފީފާ ބެސްޓް އެވޯޑަކީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނާއި ހޮވާލެވޭ ނޫސްވެރިން ވޯޓުލައިގެން ހޮވާ މަގާމެކެވެ.
ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ބެލޮންޑޯއޯ އެވޯޑް ހާސިލްކޮށްފައިވާ މެސީ ވަނީ ފީފާ ދަ ބެސްޓް އެވޯޑް ވެސް މީގެ ކުރިން ތިން ފަހަރު ހާސިލްކޮށްފަ އެވެ.
މި ފަހަރުގެ އެވޯޑް ހަފުލާ އަކީ މެސީ އަށް އެވޯޑް ލިބި، އޭނާ އެވޯޑް ބަލައި ނުދިޔަ ފުރަތަމަ ފަހަރެވެ. އަދި އެވޯޑް ހަފުލާއަށް ނުދިޔަ ވަކި ސަބަބެއް ވެސް އޭނާ ނުބުނެ އެވެ.