Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2025 | ބުދަ 06:10
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ
ރޮއިޓަރސް
ފީފާ
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
މިއީ ފީފާގެ ރައީސްގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއްގައި އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިންފަންޓީނޯ ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ޗުއްޓީ ހޭދަ ކުރެއްވުމަށް ރާއްޖެ ވަޑައިގެންފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ވޯލްޑް ކަޕަށް ފަހު އިންފަންޓީނޯ ވަނީ ޗުއްޓީ އަށް ރާއްޖެ ވަޑައިގެންފަ އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާ ކަމަށް އިއުލާން ކުރައްވައިފި އެވެ.

މިކަން އިއުލާން ކުރައްވާފައި ވަނީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް) އެވެ. ޓޮމް އޭނާގެ ރަސްމީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، 19 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ކަމަށެވެ.

އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 24 ވާ ހުކުރު ދުވަހު އެވެ. ޓޮމްގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، އިންފަންޓީނޯގެ ތާރީޚީ މި ދަތުރުފުޅަކީ ރާއްޖޭގެ ފުޓުބޯޅަ އަށް އައު ޞަފުޙާ އަކަށް ވާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށް އައު އަޒުމަކާ އެކު މަސައްކަތް ކުރުމުގެ ނިޝާނެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޓޮމް ވިދާޅުވީ އިންފަންޓީނޯގެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅަ ތަރައްޤީ ކުރުން އަވަސް ވެގެން ދާނެ ކަމަށާއި، އެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އެފްއޭއެމް އާއި، ފީފާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމަށެވެ.

އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓޮމް ވަނީ އިންފަންޓީނޯއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގެ ފޮޓޯ ހިއްސާ ކުރައްވައި، އިންފަންޓީނޯ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ވިދާޅުވެފައި ވަނީ، ޓޮމްއާ އެކު ބޭއްވި ބައްދަލުވުމުގައި ގިނަ ކަންކަމާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފީފާ އާއި އެފްއޭއެމް ގުޅިގެން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެ ޕޯސްޓުގައި އިންފަންޓީނޯ ވިދާޅުވެފައި ވަނީ، މީގެ ކުރިން ފުޓުބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ކުޅެފައިވާ ޓޮމްގެ ލީޑާޝިޕްގެ ދަށުން ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިއީ ފީފާގެ ރައީސްގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއްގައި އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިންފަންޓީނޯ ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ޗުއްޓީ ހޭދަ ކުރެއްވުމަށް ރާއްޖެ ވަޑައިގެންފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ވޯލްޑް ކަޕަށް ފަހު އިންފަންޓީނޯ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

މީގެ ކުރިން ފީފާގެ ރައީސް އަކު ރާއްޖެ ވަޑައިގެންފައި ވަނީ 2006 ވަނަ އަހަރު އެވެ. އެއީ 2004 ގެ ސުނާމީ ހާދިސާގައި ގެއްލުން ލިބުނު ޤައުމު ތަކަށް ކުރެއްވި ދަތުރުފުޅެއްގައި، ފީފާގެ އޭރުގެ ރައީސް ސެޕް ބްލެޓާ އެވެ. އެ ދަތުރުފުޅުގައި ބްލެޓާ ވަނީ، ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

- ކޮމެންޓް