ކ. މާލެ
|
28 އޮކްޓޯބަރ 2019 | ހޯމަ 10:49
މޯލްޑިވްސް އިސްލާމިކް ބޭންކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
މޯލްޑިވްސް އިސްލާމިކް ބޭންކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އެޑްމިން
އިސްލާމިކް ބޭންކް
16 ހާހަށްވުރެ ގިނަ އިންވެސްޓަރުން ހިއްސާ ގަންނަން އެދިފައިވޭ: އިސްލާމިކް ބޭންކް
އެމްއައިބީގެ ހިއްސާއެއް ވިއްކާފައިވަނީ 35 ރުފިޔާއަށް
ހިއްސާ ގަތުމަށް ޖުމްލަ 17،713 ފޯރމު ހުށަހެޅި
ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލީ 28 ޖުލައި ގައި

ހިއްސާ ވިއްކަން ހުޅުވާލި ފުރުޞަތުގައި 16 ހާހަށްވުރެ ގިނަ އިންވެސްޓަރުން ހިއްސާގަންނަން އެދި ފޯމް ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އެބޭންކުން ޢާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ހިއްސާ ވިއްކުން ބަންދު ކުރިއިރު ހިއްސާ ގަތުމަށް ޖުމްލަ 17،713 ފޯރމު 16،146 އިންވެސްޓަރުންގެ ފަރާތުން ލިބިފައިވާ ކަމަށާއި މިއީ ފައިސާގެ އަދަދުން ބަލާނަމަ 356،533،100.00 (ތިންސަތޭކަ ފަންސާސް ހަ މިލިއަން ފަސްލައްކަ ތިރީސް ތިން ހާސް އެއްސަތޭކަ) ރުފިޔާ ކަމަށެވެ. އެހެންކަމުން މިއީ ހިއްސާ ވިއްކައިގެން ހޯދަން ކަނޑައެޅި ފައިސާގެ އަދަދަށްވުރެން 112،408،100.00ރ (ސަތޭކަ ބާރަ މިލިއަން ހަތަރު ލައްކަ އަށް ހާސް އެއްސަތޭކަ) އިތުރު ޢަދަދެއް ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

މިފަދަ ޙާލަތުގައި ޢަމަލުކުރުމަށް ޕްރޮސްޕެކްޓަސް ގައި ކަނޑައަޅާފައި އޮތް އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ވަކިވަކި ފަރުދުންގެ ތެރެއިން ހިއްސާއަށް އެދުނު އިންވެސްޓަރުންނަށް އިސްކަންދީ ހިއްސާ އެކަށައެޅުމަށް ބޭންކުގެ ބޯޑުން ވަކި ސިޔާސަތެއް ކަނޑައަޅާފައިވާކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ. އިސްލާމިކް ބޭންކުން ބުނީ ރިކޮންސިލިއޭޝަން ނިންމުމަށްފަހު ޖުމްލަ 16،146 އިންވެސްޓަރުންނަށް (މުއްސަސާތަކާއި، ކުންފުނިތަށް އަދި ވަކިވަކި ފަރުދުން) ހިމެނޭ ގޮތުގެ މަތިން ހިއްސާ އެކަށައަޅާފައިވާ ކަމަށެވެ.

ހިއްސާ ގަތުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ އެޕްލިކޭޝަން ފޯރމު ބަލައިގަނެ ހިއްސާ އެކަށައަޅައި ދެވިފައިނުވާ ފަރާތްތަކަށް، އަދި އޯވަރ ސަބްސްކަރައިބްވުމާއި ގުޅިގެން ރިފަންޑު ކުރުމަށް ކުންފުނިން ނިންމާފައިވާ ފަރާތްތަކަށް، އެފަރާތްތަކުން ދައްކާފައިވާ ފައިސާ ރިފަންޑް ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި ރިފަންޑް ކުރެވޭ ފައިސާ ޖަމާކުރާނީ ޙިއްސާ ގަތުމަށްޓަކައި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯރމުގައި ބަޔާންކޮށްފައިވާ އެކައުންޓަށް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ލިސްޓުކުރުމުގެ ޤަވާއިދުގެ މަތިން ހިއްސާދާރުންގެ ލިސްޓު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަށް ފޮނުވާފައިވާ ކަމަށާއި ފުރިހަމަ ކުރަންޖެހޭ އިޖުރަޢާތްތަށް ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ކުރިން އިންވެސްޓަރުން އެމް.އެސް.ޑީގައި ހުޅުވާފައިވާ ހިއްސާގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް އެ މަޢުލޫމާތު އިންވެސްޓަރުންނާއި ޙިއްސާކުރަމުން ގެންދާނެކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.

އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ކުރުމަށް ފަހު 244 މިލިއަން ރުފިޔާގެ ހިއްސާ އާންމުންނަށް ވިއްކުމަށް ހުށަހެޅިއެވެ. މި ހިއްސާގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް އިސްލާމިކް ބެންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ)، އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ ގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އަދި ޖުމްލަ ޢާއްމު ހިއްސާގެ ގޮތުން 6،975،000 (ހަ މިލިޔަން ނުވަލައްކަ ހަތްދިހަ ފަސް ހާސް) ހިއްސާއެވެ. މިއީ ބޭންކުގެ ޖުމްލަ ހިއްސާގެ 31 އިންސައްތައެވެ.

- ކޮމެންޓް