ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މާލެ އަދި ހުޅުމާލެ ފިހާރައިގެ ފްރީޒަރުތަކަށް މުދާ ފޯރުކޮށްދީ ބަލަހައްޓައިދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ.
އެސްޓީއޯ އިން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ހުޅުވާލި ފުރުސަތުގައި މަސައްކަތުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށާއި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ 09:00 ޖެހުމުގެ ކުރިން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.
މީގެއިތުރުން ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބީލަން ކަރުދާސް ދޫކުރަނީ ހަމަ އެ ދުވަހު އީމެއިލް މެދުވެރިކޮށް ކަމަށާއި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 02:00 ޖަހާއިރު މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ޓްރޭޑް ސެންޓަރގައި އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި ބީލަން ކަރުދާސް ހުޅުވުން އޮންނާނީ ނޮވެމްބަރު 12 ވަނަ ދުވަހު 11:00 ޖަހާއިރު އެސްޓީއޯގެ ހެޑް އޮފީހުގައި ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ވަނީ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ވިއްކުމަށް ބަހައްޓާފައި ހުރި ހަރުތައް ވެސް އަމިއްލަ ފަރާތްތަަކަށް ދޫކޮށްފައެވެ. މިގޮތަށް ހުޅުވާލައިގެން މަސައްކަތްތައް އަމިއްލަ ފަރާތްތަކާއި ހަވާލުކުރުމުގެ މައިގަނޑު މަޤްސަދަކީ ރީޓެއިލް ވިޔަފާރީއާ ދުރަށް ދިޔުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.