Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 16:37
ހުލުމާލެ ހޮސްޕިޓަލް
ހުލުމާލެ ހޮސްޕިޓަލް
ގޫގުލް
ސިއްހީ ރެކޯޑްތައް ބަލަހައްޓާނެ ގަވާއިދެއް އެކުލަވާ
ސިއްހީ ރެކޯޑްތައް ބަލަހައްޓާނެ ގަވާއިދެއް އެކުލަވާލައިފި
މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 18 ގައި
މި ގަވާއިދާ ހިލާފްވާ ފަރާތްތައް 10،000 ރުފިޔާއާއި 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
ސިއްހީ ހިދުމަތްދިނުމުގެ ގާނޫނުގެ ދަށުން ލައިސެންސް ހިފެހެއްޓުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވޭ

ސިއްހީ ހީދުމަތް ލިބިގަންނަ ކޮންމެ މީހެއްގެ މެޑިކަލް ރެކޯޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ހަރުދަނާ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

"މެޑިކަލް ރެކޯޑާ ބެހޭ ގަވާއިދު" އެކުލަވާލާ ގެޒެޓް ކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. މިއީ، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މެޑިކަލް ރެކޯޑު އެކުލަވައިލުމާއި، ބެލެހެއްޓުމާއި، ބެލުމާއި، ހާމަކުރުމާއި، ރި ޕޯޓުކުރުމުގައި ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ހިމެނޭ ހިދުމަތްދޭ ތަންތަނުން އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަށް ޓަކައި، އެ ގާނޫނުގެ 72 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވައިލާ ގަވާއިދެކެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 18 ގައެވެ. ސިއްހީ ހިދުމަތް ލިބިގަންނަ ކޮންމެ މީހެއްގެ މެޑިކަލް ރެކޯޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ޓަކައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމާއި، މެޑިކަލް ރެކޯޑުތައް އެކުލަވައިލަންޖެހޭ ގޮތާއި، އެ ރެކޯޑުތައް ބެލެހެއްޓުމުގައި އަމަލުކުރަން ޖެހޭ މިންގަނޑުތަކާއި އުސޫލުތައް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ހިދުމަތް ލިބިގަންނަ މީހާގެ މައުލޫމާތު، ހިދުމަތް ދިނުމަށް ކޮންމެހެން ބޭނުންވާނެ މިންވަރަށް، ހިދުމަތް ފޯރުކޮށްދޭ އެހެން ސިއްހީ ހިދުމަތްތެރިންނާ ހިއްސާ ކުރެވޭނެ އުސޫލުތައް ގާއިމްކުރުމާއި، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ހިދުމަތް ލިބިގަންނަ މީހުންގެ މެޑިކަލް ރެކޯޑުގެ ސިއްރު ހިފެހެއްޓުމާއި، އެ ރެކޯޑުތައް ބެލޭނެ އުސޫލުތައް މި ގަވާއިދުގެ ދަށުން ހެދިފައިވެއެވެ.

މި ގަވާއިދު ހިންގޭނީ ސިއްހީ ހިދުމަތުގެ ނިޒާމުގެ ތެރޭގައި ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތްދޭ އެންމެހައި ތަންތަނާއި ދައުލަތުން ބަލަހައްޓާ ފަރާތްތައް ގެންގުޅޭ ތަންތަނުގެ މައްޗަށެވެ.

މެޑިކަލް ރެކޯޑުގެ ތެރޭގައި ސިއްހީ ހިދުމަތް ލިބިގަންނަ މީހުންގެ ޒާތީ މައުލޫމާތު، ސިއްހީ ހިދުމަތް ލިބިގަންނަ މީހުންނާ ގުޅޭ ކްލިނިކަލް ޑޭޓާގެ ގޮތުގައި ބެލެވޭ މައުލޫމާތު ގާނޫނީ ބޭނުންތަކަށް ޓަކައި ސިއްހީ ހިދުމަތް ލިބިގަންނަ މީހުންނާ ގުޅޭ މައުލޫމާތު ހިމެނޭގޮތުން ތައްޔާރުކުރާ އެކިއެކި ލިޔުންތައް މެޑިކަލް ރެކޯޑުގެ މައުލޫމާތުގެ ތެރޭގައި ހިމެނެއެވެ.

މެޑިކަލް ރެކޯޑުގެ ގޮތުގައި އެންމެ މަދުވެގެން ބަހައްޓަންޖެހޭ މައުލޫމާތުގެ ތެރޭގައި ސިއްހީ ހިދުމަތް ލިބިގަންނަ މީހާގެ ވަކި މައުލޫމާތުތަކެއް ހިމަނަން ޖެހޭނެކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

Advertisement

މީގެ އިތުރުން ސިއްހީ ހިދުމަތް ލިބިގަންނަ ކޮންމެ މީހެއްގެ މެޑިކަލް ރެކޯޑު، އެ ހިދުމަތެއް ހޯދާ ފަރާތެއްގެ މުޅި އުމުރަށް ބެހެއްޓުމަކީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޒިންމާއެކެވެ. މިގޮތަށް ބަލަހައްޓާއިރު، ބަލިމީހާގެ ކުރީގެ މެޑިކަލް ރެކޯޑުތައް ބޭނުންވާ ހާލަތްތަކުގައި ލިބޭނޭ ގޮތަށް "އާކައިވް" ކުރަން ވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކުގެ މެޑިކަލް ރެކޯޑު، އެ މީހަކު މަރުވާ ތާރީހުން ފެށިގެން، މީލާދީގޮތުން 6 އަހަރުދުވަސް ވަންދެން ބަހައްޓަންވާނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް، ސިއްހީ ހިދުމަތް ދޭ ތަނެއްގެ ހިދުމަތް ހުއްޓާލާނަމަ، އެ ތަނެއްގެ މެޑިކަލް ރެކޯޑާ މެދު ޢަމަލުކުރާނެ ގޮތުގެ ވަކި އުސޫލެއް ހެދުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. އަދި މުއްދަތު ހަމަވުމަށްފަހު ނައްތާލާ މެޑިކަލް ރެކޯޑުތަކުގެ މައުލޫމާތު ނައްތާލަންވާނީ ސިއްރު ހިފެހެއްޓޭ ގޮތަށް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ނައްތާލެވޭ މެޑިކަލް ރެކޯޑުތަކާ ބެހޭ މައުލޫމާތު (ބަލި މީހާގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ފަދަ ކާކުކަން އަންގައިދޭ މައުލޫމާތުތަކާއި، ބަލިމީހާ މަރުވި ތާރީހާއި، އެ ބަލިމީހާއާ ގުޅޭ މެޑިކަލް ރެކޯޑުތައް ނައްތައިލި ތާރީހު) ބަލަހައްޓަން ވާނެ ކަމަށް ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތުގެ ސިއްހީ ހާލަތާއި، އޭނާއަށް ދީފައިވާ ނުވަތަ ދެވޭނެ ފަރުވާއާއި، އޭނާގެ ސިއްހީ ހާލަތާއި، އޭނާ ލިބިގަތް ހިދުމަތާ ގުޅުންހުރި އެންމެހައި މައުލޫމާތަކީ ، ސިއްރު އަދި އިމްތިޔާޒު ލިބިފައިވާ މައުލޫމާތެކެއްކަމަށް ބުނެފައިވެއެވެ. އެހެންކަމުން، މެޑިކަލް ރެކޯޑުގައި ހިމެނޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓޭކަން ކަށަވަރު ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ މައްޗަށް ލާޒިމު ކަމެއްކަމަށް މި ގަވާއިދު ބުނެއެވެ.

ނަމަވެސް ހިދުމަތް ލިބިގަންނަ ފަރާތުން ލިޔުމުން ހުއްދަ ދިނުމުން ނުވަތަ ކޯޓު އަމުރަކުން އެންގުމުންނާއި، ގާނޫނަކުން ލިބިދޭން ޖެހޭކަމަށް ބަޔާންކޮށްފައިވާ މައުލޫމާތެއް، އެ ގާނޫނަކުން ފޯރުކޮށްދިނުމާއި، ލާޒިމުކުރާ ފަރާތަކަށް ފޯރުކޮށްދިނުމުގެ ގޮތުންނާއި، ސިއްހީ ހިދުމަތްދިނުމުގެ ގާނޫނުން ބާރުދީފައިވާ މީހެއްގެ ޒިންމާ އަދާކުރުމަށް، ސިއްހީ ހިދުމަތްދޭ ތަނެއްގައިވާ އެއްވެސް ބަލި މީހަކާބެހޭ މައުލޫމާތެއް ނުވަތަ އޭނާއާ ގުޅޭގޮތުން ބަހައްޓައިފައިވާ ރެކޯޑުތަކުގެ ތެރެއިން އެއްވެސް ރެކޯޑެއް ބަލަން ބޭނުންވެގެން އެ ފަރާތުން ލިޔުމުން އެ މައުލޫމާތު ހޯދަން އެދުމުން މައުލޫމާތު ހާމަކުރަން ޖެހޭނެކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދާ ހިލާފްވާ ފަރާތްތައް 10،000 ރުފިޔާއާއި 100،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން އެ ތަނެއްގެ ލައިސެންސް، ސިއްހީ ހިދުމަތްދިނުމުގެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބުނެފައިވާ މުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް