ރާއްޖެއަށް އެހީތެރިވާނެ ގޮތްތަކާއި ގުޅޭގޮތުން ވޯލްޑް ބޭންކުން ދިވެހިންގެ ހިޔާލު ހޯދުމަށް ސަރވޭއެއް ފަށައިފިއެވެ.
އޮންލައިންކޮށް ދިވެހި ބަހާއި އިނގިރޭސީ ބަހުން ކުރިއަށްގެންދާ މި ސަރވޭ އަކީ ދިވެހިރާއްޖޭގެ ތަރައްގީއަށާއި ފަގީރުކަން ނައްތާލުމަށް ހުރި ހުރަސްތަކާއި ފުރުސަތުތައް ދެނެގަނެ، އެ ކަންކަމާއި މެދު ދިވެހި ރައްޔިތުންގެ ވިސްނުން ހުރި ގޮތް ދެނެގަތުމުގެ ބޭނުމުގައި ކުރެވޭ ސާރވޭއެއްކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އަދި މި ސާރވޭގެ ޒަރިއްޔާއިން އެއްކުރެވޭ މައުލޫމާތު ބޭނުން ކުރެވޭނީ ވޯލްޑް ބޭންކް އިން، ހެކީގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ (އެވިޑަންސް – ބޭސްޑް) ދިރާސާއެއް ކަމުގައިވާ، ސިސްޓަމެޓިކް ކަންޓްރީ ޑައެގްނޯސްޓިކް (އެސްސީޑީ) ގައިކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
ވޯލްޑް ބޭންކުން ބުނީ އެ ބޭންކުން ދިވެހިރާއްޖޭގައި ހިންގާ ޕޮލިސީ މަޝްވަރާތަކާއި އަދި އެހެނިހެން މަޝްރޫއުތައް ބިނާކުރެވޭނީ މި އެސްސީޑީ ދިރާސާގެ މައްޗައް ކަމަށެވެ.
"ތަރައްގީ އާއި ގުޅުން ހުރި ކަންކަމުގައި އާންމުންގެ ވިސްނުން ހުރި ގޮތް ދެނެގަތުމުގެ ބޭނުމަކީ، އެސްސީޑީ ދިރާސާގައި، ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ފަގީރުކަން ނައްތާލުމަށް ހުރި ހުރަސްތަކާއި ބެހޭގޮތުން ހިމަނާ އެނަލެސިސް، އިތުރަށް ވަރުގަދަކުރުމެވެ. އެހެންކަމުން މި ސާރވޭގެ ޒަރިއްޔާއިން އެއްކުރެވޭ މައުލޫމާތުތަކަކީ އެސްސީޑީގެ ތައްޔާރީ މަރުހަލާއަށް މުހިންމު މައުލޫމާތުތަކަކަށް ވާނެއެވެ،"
ވޯލްޑް ބޭންކުން ބުނީ މި ސަރވޭގައި ހުރިހާ އެއްމެންގެ ހިޔާލު މުހިންމު ކަމަށެވެ. އަދި މި ސަރވޭގެ ޒަރިއްޔާއިން އެއް ކުރެވޭ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެ ކަމަށާއި، މި ސަރވޭގެ ޒަރިއްޔާއިން އެއްކުރެވޭ އެއްވެސް މައުލޫމާތެއް ޝާއިއުކޮށް ނުވަތަ ބޭނުން ކުރެވޭނީ، މައުލޫމާތުގެ ވަކި ވަކި މަސްދަރުތައް ހާމަނުވާ ގޮތަށް، ޖުމްލަކޮށް ކަމަށެވެ.