އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމަށްޓަކައި، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ސަރވޭއެއް މި މަހުގެ ތެރޭގައި ފަށަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
މި ސަރވޭއާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި ސަރވޭގެ މައިގަނޑު މަޤްޞަދަކީ މާލެ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޢަދަދާއި އެ މުވައްޒަފުންނަށް ކުރެވޭ ޚަރަދުތަކާއި އެ ވިޔަފާރިތަކުގެ މާލީ ޙާލަތު ދެނެގަތުން ކަމަށެވެ.
މި ސަރވޭގައި ހިމެނޭ މައިގަނޑު ވިޔަފާރިތަކަކީ ޓޫރިޒަމް، ކޮންސްޓްރަކްޝަން، ހޯލްސޭލް އާއި ރީޓެއިލް އަދި ކެފޭ ރެސްޓޯރަންޓާއި ހޮޓާތަކާއި މިދާއިރާތަކާ ގުޅޭ ވިޔަފާރިތައް ކަމަށާއި ސަރވޭ ބައްޓަން ކުރެވިފައިވަނީ ވަކިވަކި ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށްފަހު، އެ ވިޔަފާރިތަކުގެ ޒިންމާދާރު ފަރާތްތަކާ ބައްދަލުކޮށް ބޭނުންވާ މަޢުލޫމާތު އެއްކުރާ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން އެއްކުރެވޭ މަޢުލޫމާތުތަކަކީ މިނިމަމް ވޭޖް ކަނޑައެޅުމުގައި ވިޔަފާރިތަކުގެ މާލީ ޙާލަތު އެންމެ ފުރިހަމައަށް ދެނެގަތުމަށް ވަރަށް މުހިއްމު މައުލޫމާތުތަކެއް ކަމަށާއި މި ސަރވޭގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ސަރވޭގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ރިޔަން ޕްރައިވެޓް ލިމިޓެޑުގެ ޓީމަށް އެއްބާރުލުން ދެއްވާ، މި ސަރވޭއަށް ބޭނުންވާ އެކަށީގެންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ސަރވޭގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ކުރައްވާ ކޮމިޓީން ވަނީ މި ސަރވޭ ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ރިޔަން ޕްރައިވެޓް ލިމިޓެޑާއި މި މަހުގެ 6 ވަނަ ދުވަހު ޙަވާލުކޮށްފައެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ގޮތާ މެދު ލަފާދޭނެ ކޮމިޓީއެއް ''ސެލެރީސް އެންޑް ވޭޖްސް އެޑްވައިޒަރީ ބޯޑް''ގެ ނަމުގައި ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެކުލަވާލެއްވީ މި އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ އެ ބޯޑު ގައި އިންޑަސްޓްރީތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން މަސައްކަތްތެރިންގެ ފަރާތުން 2 މެމްބަރަކު ހިމޭނެއެވެ.