ދިރާގުގެ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް ކަމަށްވާ ދިރާގު ޕޭ ޚިދުމަތް ބޭނުން ކުރުމަށް އިތުރު ލުއި ފަސޭހަތަކެއް ތަޢާރަފުކޮށްފިއެވެ. އެގޮތުން މިހާރު ދިރާގު ޕޭ ގެންގުޅޭ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ކާރޑް އަދި ބޭންކް ޓްރާސްފަރސް މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝްއިން ކުރެވޭނެއެވެ.
ފަސޭހަކަމާއެކު ކޭޝްއިން ކުރުމުގެ އިތުރުންވެސް މި ޚިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސް އިތުރު ފީޗަރތައް ވަނީ ދާދި ފަހުން ތަޢާރަފުކޮށްފައެވެ. އެގޮތުން މިހާރު ދިރާގު ޕޭ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ދިރާގު ޕޭ ގެ މާޗަންޓްސް އަދި އެޖެންޓްސް ހޯދާލެވޭނެއެވެ. އެގޮތުން އަތޮޅާއި ރަށް ފިލްޓަރ ކޮށް އަދި އެޖެންޓުންނާއި މާޗަންޓްސްގެ ނަން ޖަހައިގެންވެސް އެޕުން ހޯދާލެވޭނެއެވެ.
މީގެ އިތުރުން، ދިރާގު ޕޭއަށް އިތުރު އެންއެފްސީ ކާޑު ގުޅުވާދެވޭ ނިޒާމެއްވެސް ވަނީ ގާއިމު ކޮށްފައެވެ. އެގޮތުން މިހާރު ކޮންމެ ދިރާގު ޕޭ ޑިޖިޓަލް ވޮލެޓަކަށް 3 އެން.އެފް.ސީ ކާޑު ނުވަތަ ސްޓިކަރ ރަޖިސްޓަރ ކޮށް ގުޅުވާ ލެވޭނެއެވެ. އަދި ހަމަ އެއާއި އެކު ކޮންމެ ކާޑަކަށްވެސް ވޮލެޓްގެ ވެރިފަރާތް ބޭނުންވާ ނަމެއް ކަނޑައަޅައި، ބޭނުންވާ ޓްރާންސެކްޝަން ލިމެޓެއް ކަނޑައެޅުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި މި ކާޑުތައް ބޭނުންކޮށް ހިންގާ ހުރިހާ ފައިސާގެ މުޢާމަލާތްތަކުގެ ތަފްސީލް ފަސޭހަކަމާއިއެކު ދިރާގު ޕޭ އެޕް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ވަގުތުން ވަގުތަށް ބަލާލެވޭނެއެވެ.
ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.
މިހާރު ދިރާގުޕޭ ގެ ޚިދުމަތް ދިރާގު ކަސްޓަމަރުންނާ އެއްފަދައިން އެހެން ކޮންމެ ލޯކަލް ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ބޭނުން ކުރެވޭނެއެވެ. ދިރާގުޕޭ ގެ ޚިދުމަތަށް ހޯއްދެވުމަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވާ ދިރާގުގެ ކަސްޓަމަރ ސާރވިސް އޮފީހަކަށް ޒިޔާރަތް ކުރުމަށްފަހު ދިރާގު ޕޭގެ ޚިދުމަތަށް ރެޖިސްޓަރ ކުރެވޭނެއެވެ.
ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.