މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓްމަހު ރާއްޖޭގެ ފަތުރުވެރިކަން 12.4 އިންސައްތަ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް އެއްމިލިއަން އެއްލައްކަ ތިރީސް ހަތަރުހާސް ހަތްދިހަ އެއް ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 16.6 އިންސައްތަ ކުރިއެރުމެކެވެ.
މި އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 މާކެޓްގެ ތެރޭގައި ހިމެނެނީ ޗައިނާ، އިންޑިއާ، އިޓަލީ، ޖާރމަނީ، އަދި ޔޫކޭ އެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ވަކި މާކެޓްތަކަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އެމެރިކާ ސަރަހައްދުންނެވެ. އެމެރިކާ ސަރަހައްދުން 25.5 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާއިރު ޔޫރަޕްގެ ޤައުމުތަކުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 15.6 އިންސައްތަ ކުރިއަރާފައެވެ.
މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ފަތުރުވެރިން ބޭތިއްބުމަށް ރާއްޖޭގައި ސާޅީސް ނުވަ ހާސް ހަތް ސަތޭކަ ތިރީސް އެއް އެނދު ވަނީ ރަޖިސްޓްރީކޮށްފައިވާއިރު އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް ސާޅީސް ހަ ހާސް އެއް ސަތޭކަ ސާޅީސް ފަސް އެނދު އޮޕަރޭޓްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި މުއްދަތުގައި ފަތުރުވެރިން އެނދު ބޭނުންކޮށްފައިވާ ނިސްބަތަކީ 63.6 އިންސައްތައެވެ. މީގެ އިތުރުން މި މުއްދަތުގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު 12.4 އިންސައްތަ އިތުރުވެފައިވެއެވެ.