މަޝްހޫރު ޓްރެވަލް އެޖެންސީ ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެއައި ފަތުރުވެރިންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް ދިވެހި ސަރުކާރުން ހަމަޖައްސައި ދޭނެކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.
ހޯމަ ދުވަހު ޓޫރިޒަމް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތޯމަސް ކުކް ބަންދުކުރުމާއި ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެ އައި ފަތުރުވެރިންނަށް ދިމާވާނެ ދަތިތައް ކުޑަ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފައި ވާކަމުގައެވެ. ފަތުރުވެރިންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް މަގު ފަހިކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ) އިން މަސައްކަތް ކޮށްދޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެ އައިސް އުޅޭ ފަތުރުވެރިންގެ އަދަދު ރިސޯޓްތަކާއި ކަމާ ބެހޭ އިތުރު އިދާރާތަކާއި ވާހަކަ ދެއްކުމަށް ފަހު ހޯދާފައި ވާކަމަގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހިދުމަތްތަކަށް ބަދަލު ނާންނާނެ ކަމަށާއި ފަތުރުވެރިންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯހިޔާ ވަހިކަން އަދި އެހެނިހެން ބޭނުންތައް ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީ އިން ވަނީ އަރުވާފައެވެ.
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ތޯމަސް ކުކް ބަންދުކުރުމާ ގުޅިގެން ގެއްލުން ލިބުނު ފަތުރުވެރިންގެ ރައްކާތެރިކަން ސަރުކާރުން ކަޝަވަރުކޮށްދޭ ކަމުގައެވެ. އަދި މި ފަތުރުވެރިންނަށް ރައްކާތެރި ކަމާއި އެކު އަނބުރާ ގައުމަށް ދެވޭނެ މަގު ފަހި ކޮށްދެއްވުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރާ ކަމެއް ކަމުގައި އެމްއެމްޕީއާރްސީ ގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވިއެވެ.