ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގައި ޝަރަފުވެރި 3 އެވޯޑެއް ރާއްޖެއަށް ލިބިއްޖެއެވެ.
ސެޕްޓެމްބަރު މަހުގެ 19 އިން 20 އަށް ސްރީލަންކާގެ އަމާރީ ގާލޭގައި ކުރިއަށް ދިޔަ މި އަހަރުގެ އެވޯޑް ހަފްލާގައި އެކި ދާއިރާތަކަށް ޚާއްސަކޮށްގެން އެވޯޑް ދީފައިވާއިރު ރާއްޖެއަށް ވަނީ ޝަރަފްވެރި 3 އެވޯޑެއް ލިބިފައެވެ. އެއީ ލީޑީންގ ސަރފް ޑެސްޓިނޭޝަން، ލިޑީންގ ހަނީމޫން ޑެސްޓިނޭޝަން އަދި ލީޑިންގ ބީޗް ޑެސްޓިނޭޝަންގެ އެވޯޑެވެ.
ސަރަޙައްދީ ފެންވަރުގައި ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ އިތުރުން، ރާއްޖެއަށް އިތުރު ވަނަތަކެއް ވެސް ލިބިފައިވެއެވެ. އެގޮތުން ސަޓާ އެވޯޑުގެ 37 ކެޓަގަރީން ވާދަކޮށް ރާއްޖެއިން ވަނީ ފަޚުރުވެރި 20 އެވޯޑެއް ހާސިލްކޮށްފައެވެ.
ސަޓާ އެވޯޑުގައި މި ފަހަރު 500 އަށް ވުރެ ގިނަ ޓްރެވަލް އެންޑް ޓުއަރިޒަމް ވިޔަފާރި އޮޕަރޭޓަރުން ވަނީ ނޮމިނޭޓްވެފައެވެ. އެގޮތުން ގެސްޓްހައުސް ދާއިރާ އިން ފާހަގަކޮށްލެވޭ ރާއްޖޭގެ ބްރޭންޑެއް ކަމަށްވާ ޔޫއައި ހޮޓެލްސް، ޔޫއައި މޯލްޑިވްސްގެ އިތުރުން ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އަދާރަން ކްލަބް ރަންނާޅި އަދި އޭސް ޓްރެވަލްސް މޯލްޑިވްސް ވަނީ އެކި ކެޓަގަރީތަކުން ނޮމިނޭޓްވެފައެވެ. ޔޫއައި ހޮޓެލްސް އާއި ޔޫއައި މޯލްޑިވްސް ވަނީ ތިން ކެޓަގަރީއަކަށް ނޮމިނޭޓްވެފައެވެ.
ދުނިޔޭގެ ބޮޑެތި ކުންފުނިތަކަކުން އެންޑޯޒް ކޮށްފައިވާ މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު، ސްރީލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައެވެ.
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގެ ފަސް ވަނަ އެޑިޝަން ސަޓާ 2020 އަންނަ އަހަރު ރާއްޖޭގައި ބާއްވާނެ ކަމަށް އިވެންޓް އިންތިޒާމްކުރާ ހައިރައިޒް ކުންފުނީގެ ފަރާތުން ވަނީ ބުނެފައެވެ.