ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޫކުރާ ސަރަހައްދުތައް ކަނޑައަޅައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރީ ކުރުމަށް ހުއްދަ ދޫކުރަން ނިންމާފައިވާ ސަރަހައްދުތަކަކީ ނިރޮޅުމަގާއި ހުވަނދުމާ ހިނގުމާއި ފަށުއިމާ ހިނގުމުގައިވާ ދެ ހައްޓް ކަމަށެވެ. އަދި 24 ގަޑިއިރު ވިޔަފާރީ ކުރުމުގެ ހުއްދަތައް ދޫކުރެވޭނީ ޝަރުތައް ފުރިހަމަވޭތޯ ބަލައި ޗެކް ކުރުމަށްފަހުގައި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރަން ނިންމާފައިވާއިރު މާލޭ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދޫކޮށްފައިވަނީ ޖުމްލަ 14 ތަނަކަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ވަނީ އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަ ދޭ ސަރަހައްދުތައް ވެސް ކަނޑައަޅާ، އައްޑޫ ސިޓީގެ ހަ ދާއިރާގެ ސަރަހައްދުތަކަށް ހައްދަ ދީފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރި ކުރަން ހުއްދަދޭ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުން ފުއްދުމަށް ވިއްކާ ތަކެތި ކަމަށެވެ.
24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އަށް އެދި ހުށައަޅާ ތަންތަން ވާންޖެހެނީ ސާފުކޮށް އެތެރެ ފެންނަ ގޮތަށް އަލިކުރެވިފައިވާ ތަންތަނަށެވެ. އަދި ކެމެރާ ހަރުކުރެވި މޮނީޓާކުރުން ފަދަ ކަންކަން ހިމެނޭ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާން ޖެހެއެވެ. އެ ތަންތަނުގައި '24/7' ބޯޑެއް އިމާރާތުގައި ބޭރަށް ފެންނަން ހުންނަންވާނެއެވެ.
24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތައް ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރި ކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ބަހައްޓަންވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.