މޯލްޑިވްސް އިސްލާމިކް ބޭންކް އިން ހިއްސާ ވިއްކުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
އެމްއައިބީ އިން ބުނީ ހިއްސާ ވިއްކުމަށް ކަނޑައެޅި މުއްދަތު އިތުރުކުރީ 28 ޖުލައި އަދި 15 އޮގަސްޓް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުންކަމަށެވެ. އެހެންކަމުން ހިއްސާ ވިއްކުމުގެ މުއްދަތު 22 ސެޕްޓެމްބަރުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެމްއައިބީން ބުނެއެވެ.
އެމްއައިބީ އިން ބުނީ ހިއްސާ ވިއްކާލުމަށް ހުޅުވާލި ފުރުސަތުގައި އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ވަރަށް ގިނަ ފަރާތްތަކުން އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ހިއްސާ ގަނެފައިވާ ކަމަށެވެ.
އެ ބޭންކުން ވަނީ ހިއްސާ ވިއްކުމަށް މ. ފާމުދޭރިގޭގައި ކަލެކްޝަން ސެންޓަރެއް ހުޅުވާފައެވެ. އެމްއައިބީ އިން ބުނީ ކަލެކްޝަން ސެންޓަރު ހުޅުވީ އާންމުންނަށް ފަސޭހަކަމާއެކު ހިއްސާ ގަނެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. މި ކަލެކްޝަން ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެދުނު 09:00 އަކުން ރޭގަނޑު 10:00 އަކަށެވެ.
އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ކުރުމަށް ފަހު 244 މިލިއަން ރުފިޔާގެ ހިއްސާ އާންމުންނަށް ވިއްކުމަށް ވަނީ ހުށައަޅާފައެވެ. މި ހިއްސާގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް އިސްލާމިކް ބެންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ)، އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އަދި ޖުމްލަ އާއްމު ހިއްސާގެ ގޮތުން 6،975،000 (ހަ މިލިޔަން ނުވަލައްކަ ހަތްދިހަ ފަސް ހާސް) ހިއްސާއެވެ. މިއީ ބޭންކުގެ ޖުމްލަ ހިއްސާގެ 31 އިންސައްތައެވެ.
އެމްއައިބީގެ ހިއްސާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 35 ރުފިޔާއަށެވެ. ކޮންމެ ފަރާތަކަށް ވެސް އެންމެ ފުރަތަމަ ގަނެވޭނީ 700 ރުފިޔާގެ 20 ހިއްސާއެވެ. މިއަދަދު އިތުރުކުރަން ބޭނުންނަމަ 10 ހިއްސާގެ ރޭޓުން ބޭނުން އަދަދަކަށް އިތުރު ކުރެވޭނެއެވެ.
އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅާ، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެންޑީބީއައިބީގެ ބައިނަލްއަގްވާމީ މާލީ ތަޖުރިބާކާރުންގެ އެހީއާއެކު "ޝާހް ހުސައިން އެންޑް ކޯ"ގެ ގާނޫނީ ލަފާގެ މަތިން، އޮޑިޓް ފަރމެއްގެ ހައިސިއްޔަތުން ކޭޕީއެމްޖީ ދަށުންނެވެ.
އިންފިނިޓީ ޕޯޓަލްގެ އިތުރުން އެމްއައިބީގެ ގޮފިތަކުން، ބީއެމްއެލް އޮންލައިން ބޭންކިން، ދިރާގު ޕޭ އަދި އުރީދޫ އެމް ފައިސާ މެދުވެރިކޮށް ހިއްސާ ގަނެވޭނެއެވެ.