ޗައިނާ އާއި އެމެރިކާގެ ދެމެދުގައި ހިންގަމުންދާ ވިޔަފާރީގެ ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަންނަ މަހު ދެ ޤައުމުގެ އިސް އޮފިޝަލުންގެ މެދުގައި ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނީ ވިޔަފާރީގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ނިންމީ އެމެރިކާ އާއި ޗައިނާގެ އިސްވެރިންގެ ބައްދަލުވުމަށްފަހު ކަމަށެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް މަޝްވަރާކޮށް ވާހަކަ ދައްކައިގެން ކަންކަމަށް އަމަލީ ސިފަ ގެނައުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަތައް ވަނީ ދައްކާފައެވެ.
އޮކްޓޯބަރު މަހު ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތަކެއް ބޭއްވުމަށް ނިންމާފައިވާއިރު، އޭގެ ކުރިން މި މަހުގެ މެދު ތެރޭގައި ދެ ޤައުމުގެ އޮފިޝަލުންގެ މެދުގައި އިތުރު މަޝްވަރާތަކެއް ވެސް ކުރިއަށްދާނެއެވެ. އަދި އެ މަޝްވަރާތައް ކުރިއަށްދާނީ އެމެރިކާގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ އާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ކުރިއަށްދާއިރު، އެއް ޤައުމުން ދަނީ އަނެއް ޤައުމަށް ވިޔަފާރީގައި ދަތިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ ޑިއުޓީތައް ދަނީ ދުވަހެއް ދުވަހަކުން ބޮޑުކުރަމުންނެވެ. މިދިޔަ އަހަރު އެއް ގައުމު އަނެއްގަމުންވަނީ ދެގައުމަށް އެތެރެކުރެވޭ އަނެއް ގައުމުގެ މުދަލުގެ ތެރެއިން 300 ބިލިއަން އެމެރިކާ ޑޮލަރުގެ މުދަލުން ޓެރިފެއް ނަގަން ފަށާފައެވެ.
އެމެރިކާއިން ޗައިނާގެ 200 ބިލިއަން ޑޮލަރަށްވާ މުދަލަށް 10 އިންސައްތައިގެ ޓެރިފެއް ތައާރަފް ކުރީ ސެޕްޓެމްބަރު މަހުއެވެ. ރައީސް ޓްރަމްޕް ރާއްވަވާފައި އޮތީ ޖެނުއަރީ މަހުން ފެށިގެން އެ ޓެރިފް 25 އިންސައްތައަށް ބޮޑުކުރުމަށެވެ.
ނަމަވެސް މިހާރު އެ ޓެރިފް މަޑުޖައްސާލާފައިވާއިރު ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެ 90 ދުވަހުގެ ތެރޭގައި ދެ ގައުމުން އެއްބަސްވުމަކަށް ދިއުމަށް ނުކުޅެދިއްޖެނަމަ 10 އިންސައްތައިގެ ބަދަލުގައި 25 އިންސައްތައަށް ޓެރިފް ބޮޑުކުރައްވާނެކަމަށެވެ.
ޓެކްސް މަޑު ޖައްސާލުމުގެ ބަދަލެއްގެ ގޮތުން ދަނޑުވެރިކަމުގެ ސާމާނާއި، ހަކަތައިގެ ދާއިރާއަށް ބޭނުންވާ ސާމާނާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ އެެހެނިހެން ބައެއް ސާމާނު ކުޑަ މިންވަރެއް އެމެރިކާއިން ގަތުމަށް އެއްބަސްވެފައެވެ.
ދެ ޤައުމުގެ މެދުގައި ކުރިއަށްދާ ވިޔަފާރީގެ މައްސަލަތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ބޮޑު ލޮޅުމެއް އައިސްދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.