ލެބަނާންގައި ދިރިއުޅޭ ފަލަސްތީންގެ ރެފިއުޖީން ކެނެޑާގެ ހިމާޔަތަށް އެދެފިއެވެ.
ލެބަނޫންގައި ދިރިއުޅޭ ސަތޭކައަށް ވުރެ ގިނަ ފަލަސްތީންގެ ރެފިއުޖީން ވަނީ ބެރޫޓް ގައި ހުންނަ ކެނެޑާގެ އެމްބަސީ ކުރިމައްޗަށް އެއްވެ، އެ ގައުމުގެ ހިމާޔަތަށް އެދިފައެވެ. ބުރާސްފަތި ދުވަހުގެ މި އެއްވުމުގެ ބައިވެރިން ވަނީ ފަލަސްތީން އަދި ކެނެޑާގެ ދިދަ އެއްވުމުގައި ބޭނުން ކޮށްފައެވެ.
އެއްވުމުގެ ބައިވެރިން ވަނީ ލެބަނޫންގައި ދިރިއުޅެންޖެހޭ ދަތި ހާލަތާ އެ ގައުމުގެ ދަށަށް ދާ އިގްތިސާދުގެ ވާހަކަ އާއި އެމީހުން ވެސް ހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންވާ ކަމަށް ބުނެފައެވެ.
އެއްވުމުގެ ބައިވެރިން ވަނީ އަބުރުވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ކަމަށާއި އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދި ގޮވާލާ ބޯޑުތަކާއި ލިޔުންތައް އެއްވުމުގައި ބޭނުން ކޮށްފައެވެ. އަދި އދ ގެ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.އާރް.ޑަބްލިއު.އޭ) ގައި ކޮރަޕްޝަންގެ އަމަލުތައް ގިނަ ކަމަށް ވެސް އެއްވުމުގެ ބައިވެރިން ވަނީ ބުނެފައެވެ.
ލެބަނާންގައި މިހާރު ވެސް ދިހަ ހާހަށްވުރެ ގިނަ ފަލަސްތީން ރެފިއުޖީން ދިރިއުޅެއެވެ. ނަމަވެސް މި މީހުން ދިރިއުޅެނީ ކުދި ކޭމްޕުތަކުގައި ލެބަނާންގެ ރައްޔިތުންނަށް ލިބޭ އާންމު ހިދުމަތްތައް ނުލިބޭ ހާލުގައެވެ. އެ މީހުންނަށް އާމްދަނީ ހޯދާނެ ގޮތްތައް ވެސް ފަހިވެފައެއް ނުވެއެވެ. އަދި ލެބަނާންގައި ދިރިއުޅޭ ރެފިއުޖީންނަށް ބިން މިލްކު ކުރުމުގެ ހުއްދަ ވެސް ނުލިބެއެވެ.