އެފްރިކާގެ ޤައުމެއް ކަމަށްވާ ސޯމާލިއާގައި ވާރޭނުވެހި ހަނަފަސްކަމުގައި ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން 2 މިލިއަނަށްވުރެ ގިނަ މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންގެންދާ ކަމަށް އދ. އިން ބުނެފިއެވެ.
އދ.ގެ ކާބޯތަކެއްޗާބެހޭ ޖަމާއަތެއް ކަމަށްވާ ފުޑް ސެކިއުރިޓީ އެންޑް ނިއުޓްރިޝަން އެނެލެސިސް ޔުނިޓް (އެފް.އެސް.އެން.އޭ.ޔޫ) އިން ހެދި ދިރާސާއެއްގެ ނަތީޖާއިން ދައްކާގޮތުން ސޯމާލިއާގެ 2.1 މިލިއަން މީހުން ބަނޑުހައި ހޫނުކަމުގައި ހާލުގައި ޖެހިފައިވެއެވެ. އަދި 2020 ވަނަ އަހަރުގެ މެދާހަމައަށްދާއިރު މިލިއަނަކަށްވުރެ ގިނަ ކުޑަކުދިން ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ތަހައްމަލު ކުރާނެކަމަށް ބުނެފައިވެއެވެ.
ސޯމާލިއާއަށް ވާރޭ ނުވެހި ގިނަ ދުވަސްވެފައިވާއިރު، ސާފު ފެނާއި ރައްކާތެރި ކާބޯތަކެތި ނެތުމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށާއި، ހައްލު ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގެ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށްވެސް އދ އިން ބުނެފައިވެއެވެ. އެގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިފިނަމަ އެކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކޮންމެސް ވަރަކަށް ކުޑަ ކުރެވިދާނެ ކަަމަށާއި، މިއަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހާއި ދެމެދުގައި އެ ޤައުމަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވިފައިވާ ކަމަށްވެސް އދ އިން ވަނީ ބުނެފައެވެ.
އާބާދީގައި 14 މިލިއަނަށްވުރެ ގިނަ މީހުން އުޅޭ ސޯމާލިއާއަކީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.