އިސްރާއިލް ގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް މާކް އެސްޕަރއާ ބައްދަލުކުރައްވަން ނިންމައިފިއެވެ.
ބުރާސްފަތި ދުވަހު ނަތަންޔާހޫ އިނގިރޭސި ވިލާތުގެ ލަންޑަނަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ މެދުއިރުމަތީގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރައްވާ އިރާނުގެ ހަމަލާތަކަށް ރައްދުދޭނެ ގޮތާމެދު މަޝްވަރާކުރައްވާނެ ކަމަށް ނަތަންޔާހޫގެ އޮފީހުންބުނެއެވެ.
އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް އެސްޕަރއާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާނީ އިސްރާއިލްގެ ސަލާމަތީ ކަންތައްތަކާ ބެހޭގޮތުން ކަމުގައިވެސް ނަތަންޔާހޫގެ އޮފީހުންބުންޏެވެ. އިސްރާއީލްގެ ނޫސްތަކުން ދަނީ އިސްރާއީލާ އެމެރިކާއާ ދެމެދު ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން އެއްބަސްވުމަކަށް ދާން އުޅޭކަމުގެ މައޫލޫމާތު ފަތުރަމުންނެވެ.
ނަތަންޔާހޫގެ މި ދަތުރުފުޅަކީ އެސްޕަރ އަދި ޖޯންސަން މަގާމާ ހަވާލުވިފަހުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރުއެވެ. ލަންޑަނަށް ކުރައްވާ ދަތުރު ނިންމާލުމަށްފަހު ނަތަންޔާހޫ ގައުމަށް އެބުރި ވަޑައިގަންނަވާނީ ހުކުރު ދުވަހުއެވެ.