އުރީދޫ މޯލްޑިވްސް އިން "އެވީ"ގެ ނަމުގައި ޑިޖިޓަލް ކެއަރ އެސިސްޓެންޓްއެއް ތައާރަފްކުރަން ނިންމައިފިއެވެ.
ސޮފްޓްވެއަ ނޮލެޖް އިންފޮމޭޝަން މެނޭޖްމަންޓް އެންޑް އެޕްލިކޭޝަންސް (ސްކިމާ 2019) ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ "ވޮއިސް އެންޑް މެސެޖިންގެ ވާރޗުއަލް އެސިސްޓެންޓް" "އެވީ" އަކީ އުރީދޫއިން ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ތަޖުރިބާ ކޮށްލަށް ދިނުމުގެ ގޮތުން އެ ކުންފުނިން ތައާރަފްކުރާ އެޕްލިކޭޝަނެއް ކަމަށެވެ.
އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޖަވާބު ދިނުމަށް އުފައްދާ މި ބޮޓް އިން ފަސޭހަ ކަމާއެކު އެންމެ ފަހުގެ އުރީދޫ ޑޭޓާ ބެލެންސް، ސުޕަރނެޓް ބިލް އަދި ޕޯސްޓް-ޕެއިޑް ބިލް ބައްލަވާލެއްވުމުގެ އިތުރުން، ޑޭޓާ އެޑް-އޮންސް އަދި ސުޕަރނެޓް ޕެކޭޖްތައް ބައްލަވާލެއްވޭނެއެވެ. މި ބޮޓް ތަރައްގީ ކުރާނީ އިނގިރޭސި އަދި ދިވެހި ބަހުން ވެސް ޖަވާބުދެވޭ ފެންވަރަށް ކަމުގައި އުރީދޫއިން ބުނެއެވެ. ވައިބާރ، މެސެންޖަރ، ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ އެޕްގެ ޒަރިއްޔާއިން މި ބޮޓް ލޯންޗް ކުރެވޭނެ ކަަަމަށް ވެސް އުރީދޫއިން ބުނެއެވެ.
އުކުޅަސް ޓެކް ފެއަރގައި އުރީދޫގެ ސްޓޯލުން މި އެޕްގެ އިތުރުން އެ ކުންފުނީގެ އޮންލައިން ޕްލެޓްފޯމް "މުލި"ވެސް މި ސްޓޯލްއިން ފެނިގެންދާނެއެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޓެކް ފެއަރ ގެ އިތުރުން ކުރިއަށް ގެންދާ ސައިންސްވެރިންގެ މަހާސިންތާގައި ބައިވެރިވާ ބައިނަލްއަގްވާމީ މޮޅެތި ސައިންސްވެރިންނާ އުރީދޫގެ އުފެންދުންތަކާ ހިދުމަތްތަކާ ގުޅޭ މަޝްވަރާ ކުރުމުގެ ފުރުސަތު އުރީދޫއަށް ލިބިގެން ދާނެއެވެ.