މިހިނގާ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ރާއްޖެއަށް 1 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ، ޖުލައި މަހުގެ ނިޔަލަށް 994733 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށާއި، އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 17.2 އިންސައްތަ ކުރިއެރުމެއް ކަމަށެވެ. އަދި އޯގަސްޓް މަހުގަ 2 ވަނަ ދުވަހު ރާއްޖެއަށް 1 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތް ކޮށްފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ނޮވެމްބަރު 17 ގެ ނިޔަލަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑު ފާހަގަ ކޮށްލަން އޯގަސްޓް މަހުގަ 2 ވަނަ ދުވަހު އަޅުގަނޑު އުފަލާއެކު ފާހަގަކުރަން ރާއްޖެއަށް މިވަނީ 1 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފަ، އެހެންވީމާ ޖުލައި މަސް ނިމުނުއިރު 994733 ނަމަވެސް އޯގަސްޓު މަހުގެ 2 ވަނަ ދުވަހު ރާއްޖެއަށް މިހާރު މިވަނީ 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފަ، އެހެންވީމާ މީ އަޅުގަނޑުމެން ވަރަށް އުފަލާއެކު ފާހަގަކުރާ ކަމެއް، "
މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ އެރައިވަލްސްއަށް ބަލާއިރު އެންމެ ރަނގަޅު 5 މާކެޓަކީ ޗައިނާއާއި، އިންޑިއާއާއި، އިޓަލީއާއި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ ރައީސް ސޯލިހު މިއަހަރަށް ޓޫރިޒަމް ދާއިރާއަށް ކަނޑައަޅުއްވާފައިވާ ޓާރގެޓް ކަމަށާއި، ސަރުކާރަށް 1 އަހަރުވާއިރު، އެ އަމާޒު ހާސިލު ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މިލިއަނުން ހުރަސްކޮށް ދާން ފެށި ފަހުން ރާއްޖެ އަށް ޒިޔާރަތް ކުރާ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ކޮންމެ އަހަރަކުވެސް ހޮވަން ފަށާފައިވާއިރު، މިދިޔަ އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. އެގޮތުން 2018 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެއްމިލިއަން ވަނަ ފަތުރުވެރިއަކަށް ތުރުކީވިލާތު ފިރިހެނެއް ވަނީ ހޮވިފައެވެ.