ދަތުރުވެރިންގެ މާރުކޭޓު މަރާމާތު ކުރުމަށް ބަންދުކުރަން ނިންމާފައިވާ ކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެސިޓީ ކައުންސިލްގެ މަރުކޭޓު ކޮމެޓީގެ މުޤައްރިރު މުހައްމަދު ފަޒީން ރާއްޖެއެމްވީއަށް ވިދާޅުވީ މި މަހުގެ 31 ގެ ނިޔަލަށް މާރުކޭޓުގެ ގޮޅިތައް ހުސްކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި އަލުން މާރުކޭޓު ހުޅުވާއިރު ހުންނާނެ ގޮތުގެ ކުރެހުން ފާސްކޮށްފައިވާ ކަމަށާއި މާރުކޭޓު މަރާމާތު ކުރުމުގެ މަސައްކަތަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
މަރާމާތަށް ފަހު މާރުކޭޓު ހުޅުވާއިރު 160 ގޮޅީގެ ބަދަލުގައި ހުންނާނީ 63 ގޮޅި ކަމަށާއި އެ ގޮޅިތަކުގައި 8 ފޫޓް 10 ފޫޓް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މާރުކޭޓު ހާއްސަކޮށްފައިވަނީ ދިވެހިން އުފެއްދުންތައް ވިއްކަން ކަން ފާހަގަކޮށް ފަޒީން ވިދާޅުވީ މާރުކޭޓުގައި ގިނައިން ތަކެތި ވިއްކަނީ އިމްޕޯޓްކޮށްގެން ކަމަށެވެ. އެކަމުގެ ސަބަބުން މާރުކޭޓުގެ އަސްލު ގެއްލިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާރުކޭޓު އަލުން ހުޅުވާއިރު އިމްޕޯޓް ތަކެތި ވިއްކަން ބޭނުންވާނަމަ އެތަކެތި ވިއްކޭނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްގެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން އިތުރަށް ބުނީ މާރުކޭޓު ގޮޅިތަކުގައި ތަކެތި ވިއްކުމަށް ހަރަކާތްތެރިވަނީ ޤަވާއިދާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ކަމަށެވެ. އެހެންނަމަވެސް ދެން އަލުން ގޮޅިތައް ހުޅުވާއިރު ބިދޭސީން ގެންގުޅެވޭނީ އެ ގޮޅިއެއްގެ ވެރިފަރާތުގެ ނަން މައްޗަށް އެ ބިދޭސީ މީހާ ރަޖިސްޓްރީވެފައިވާނަމަ އެކަނި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މާރުކޭޓު ގޮޅިތައް މި މަހުގެ ނިޔަލަށް ހުސްކުރަން އެންގި ނަމަވެސް އެ ގޮޅިތައް މަރާމާތު ކުރުމަށްފަހު އަލުން ހުޅުވާނެ ތާރީހެއް ކައުންސިލުން ހާމައެއް ނުކުރެއެވެ.