ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ވިދިވިދިގެން ތިން ވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯދައިފިއެވެ.
ސިންގަޕޫރުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތް ކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން އޭޝިއާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއް ކުންފުންޏަކަށް ބޭންކް އޮފް މޯލްޑިވްސް ވަނީ ހޮވިފައެވެ.
ބޭންކުގެ ފަރާތުން މި ޝަރަފުވެރި އެވޯޑާ ހަވާލުވެފައިވަނީ ލަރނިންގ އެންޑް ޑިވެލޮޕްމަންޓް މެނޭޖަރ މުޙައްމަދު އަޝްރަފް އާއި އެންޕްލޯއީ ރިލޭޝަންސް މެނޭޖަރ އާސިޔަތު މުޙައްމަދުއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރ ސަހާ ވަހީދު ވިދާޅުވީ "މި ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔަރގެ ގޮތުގައި މި އަހަރުވެސް ބީއެމްއެލް ހޮވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ހާއްސަކޮށް ވިދިވިދިގެން ތިން ފަހަރު އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް ލިބުމަކީ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ. އޮގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނެ، ހުނަރުވެރި އަދި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް ވަރަށް ޚާއްސަ އިސްކަމެއް ދޭ ކަމަށާއި މި އެވޯޑް ވިދިވިދިގެން ތިންވަނަ ފަހަރަށް ބޭންކަށް ހޯދައިދިނުމަށްޓަކައި ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް ސަހާ ޝުކުރު އަދާކުރެއްވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" ތައް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށްފަހުން ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.