އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެ ފަރާތަކަށް ދީފިއެވެ.
ވިޔަފާރި ކުރުމުގެ ހުއްދަ ދީފައި ވަނީ ސ.ހިތަދޫ ހޮޓް ބޮކްސް ކެފޭއަށާއި ސ.ފޭދޫ ތްރީ އެސް ލައުންޖް ކެފޭ އަށެވެ.
އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަ ދޭ ސަރަހައްދުތައް, އިކޮނޮމިކް މިނިސްޓްރީން ވަނީ މެއި މަހުގެ 23 ވަނަ ދުވަހު ކަނޑައަޅާފައެވެ. އެގޮތުން 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަ ދޭން އައްޑޫސިޓީގެ ހަ ދާއިރާގެ ސަރަހައްދުތައް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
އައްޑޫ ސިޓީގެ ވެރިކަން ކުރާ ރަށް ހިތަދޫ އިން 24 ގަޑިއިރު ވިޔަފާރި ކުރަން ހުއްދަ ދޭން ކަނޑައަޅާފައި ވަނީ ހިތަދޫ ބަނދަރު ސަރަހައްދު، ހިތަދޫ ޒިޔާރަތް ފަންނު ސަރަހައްދު އަދި ރީޖަނަލް ހޮސްޕިޓަލް ސަރަހައްދަށެވެ. މަރަދޫއިން 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަ ދޫކުރަން ކަނޑައަޅާފައި ވަނީ މަރަދޫ ބަނދަރު ސަރަހައްދު އަދި މަރަދޫ ސިއްހީ މަރުކަޒު ސަރަހައްދަށެވެ.
މަރަދޫފޭދޫ އިން މަރަދޫ ފޭދޫ ބަނދަރު ސަރަހައްދަށް ހުއްދަ ކަނޑައަޅާފައިވާއިރު، ފޭދޫއިން ހުއްދަ ދޫކުރުމަށް ކަނޑައަޅާފައި ވަނީ ފޭދޫ ބަނދަރު ސަރަހައްދު އަދި ފޭދޫ ސިއްހީ މަރުކަޒު ސަރަހައްދަށެވެ. ހުޅުދޫ އިން ހުޅުދޫ ބަނދަރު ސަރަހައްދު އަދި ހެރެތެރެ ޗެނަލް ސަރަހައްދު ކަނޑައަޅާފައިވާއިރު، މީދޫ އިން ކަނޑައަޅާފައި ވަނީ މީދޫ ބަނދަރު ސަރަހައްދު، ހުޅުމީދޫ ސިއްހީ މަރުކަޒު ސަރަހައްދު އަދި ހުޅުމީދޫ މެދު ބަނދަރު ސަރަހައްދަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަދޭ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުން ފުއްދުމަށް ވިއްކާ ތަކެތި ކަމަށެވެ. މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަންތަނުގައި ޝަރުތު ފުރިހަމަވޭތޯ ބަލައި ޗެކް ކުރުމަށް ފަހުގައި ކަމަށެވެ.
ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތައް ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ބަހައްޓަންވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
24 ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށައަޅާ ތަންތަން ވާންޖެހެނީ ސާފުކޮށް އެތެރެ ފެންނަ ގޮތަށް އަލިކުރެވިފައިވާ ތަންތަނަށެވެ. އަދި ކެމެރާ ހަރުކުރެވި މޮނީޓާކުރުން ފަދަ ކަންކަން ހިމެނޭ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާނ ްޖެހެއެވެ. އެ ތަންތަނުގައި '24/7' ބޯޑެއް އިމާރާތުގައި ބޭރަށް ފެންނަން ހުންނަންވާނެއެވެ.
މާލޭގައި 24 ގަޑިއިރުގެ ވިޔަފާރިކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ 14 ތަނަކަށް ހުއްދަ ދީފައެވެ.