ކ. މާލެ
|
12 އޯގަސްޓް 2019 | ހޯމަ 17:27
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
މުހައްމަދު ޝަރުހާން
ޖީއެސްޓީ
200 އަށްވުރެ ގިނަ ފަރާތަކުން މީރާއަށް ޖީއެސްޓީ ނުދައްކާ
ޖީއެސްޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ވިޔަފާރިތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ 23 ފަރާތަކާއި، އާންމު ވިޔަފާރި ކުރާ 134 ފަރާތެއް ހިމެނޭ

މާލެ ސަރަޙައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 200 އަށްވުރެ ގިނަ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ދައްކާފައި ނުވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއަށް ޖީއެސްޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ވިޔަފާރިތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ 23 ފަރާތަކާއި، އާންމު ވިޔަފާރި ކުރާ 134 ފަރާތެއް ހިމެނޭ ކަމަށާއި ޖީއެސްޓީ ނުދައްކާ ވިޔަފާރިތަކުގެ ނަން އާންމުކޮށްފައިވަނީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި މީރާ އިން އަމަލު ކުރަމުން ގެންދާ އުސޫލުގެ ދަށުން ކަމަށް މީރާ އިން ބުނެއެވެ.

މީރާ އަށް ވޭތުވެދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ ޖުލައި މަހުގެ އާމްދަނީ ވަނީ އިތުރުވެފައިވެއެވެ. ވޭތުވެދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއަށްވުރެ މިއަހަރުގެ ޖުލައި މަހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުން ކަމުގައި މީރާއިން ބުނެއެވެ. ނަމަވެސް، މިއަހަރުގެ ޖުލައިމަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ އަދި ބީޕީޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައިވާ މިންވަރު އަންދާޒާ ކުރި މިންވަރަށްވުރެ ދަށްވެފައިވުން ކަމުގައި މީރާއިން ހާމަކުރެއެވެ.

ޖުލައި 2019 ގައި އެއޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީއެވެ. އެއީ %40.5 ނުވަތަ 873.71 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީއިންނެވެ. އެއީ %23.7 ނުވަތަ 510.73 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓޫރިޒަމް ކުލީގެ ގޮތުގައި 436.10 މިލިއަން ރުފިޔާ %20.2، ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 67.31 މިލިއަން ރުފިޔާ %3.1، އެރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 50.17 މިލިއަން ރުފިޔާ %2.3 އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 220.79 މިލިއަން ރުފިޔާ %10.2 ހިމެނެއެވެ.

ޖުލައި 2019ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 50.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

- ކޮމެންޓް