އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން އދ. ދަނގެތީގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގޮތުން އެ ރަށުގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަދިޔާ ކޮށްފިއެވެ.
ދަނގެތީގައި މިކަން ރަސްމީކޮށް އިފްތިތާހު ކުރުމުގެ ގޮތުން އެ ރަށުގެ ކޮންމެ ގެއަކަށާއި، މުއައްސަސާތަކަށާއި، ގެސްޓް ހައުސްތައް ހިމެނޭ ގޮތަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ވަނީ ހަދިޔާ ކޮށްފައެވެ. މިއީ ކޮމިއުނިޓީ ފަންޑުގެ ދަށުން އިފްތިތާހު ކުރެވިގެންދިޔަ ތިންވަނަ ޕްރޮޖެކްޓެވެ.
ތިމާވެށި ހިމާޔަތްކުރުމާއި އަދި ތިމާވެއްޓާ ރައްޓެހި އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދެން. އަޅުގަނޑުމެންގެ އުއްމީދަކީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގޭ މި ޕްރޮގްރާމް ކާމިޔާބުކަމާއެކީ ކުރިއަށް ގޮސް މިރަށަކީ ތިމާވެށްޓާ ރަށްޓެހި އާދަކާދަ ދިރުވައި އާލާކުރާނެ، ނަމޫނާ ރަށަކަށް ވެގެން ދިޔުންބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މި އަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިގެން ހިންގޭ ޕްރޮގްރާމްތަކެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ރާއްޖޭގެ އެހެން ރަށްތަކާ އެއް ގޮތަށް ދަނގެތީގައި ވެސް މި ބޭނުން ކުރަނީ އެއްފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކް ކޮތަޅު. ނަމަވެސް މިރަށަށް މި ލިބުނު ހާއްސަ ހަދިޔާ އާ އެކު އަޅުގަނޑު އެދެނީ އެއްފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ވިޔަފާރި ކުރުމަށާއި، އެއް ގެއިން އަނެއް ގެއަށް ހަދިޔާ ބަދަލު ކުރުމުގައި ވެސް މި ހަދިޔާ ކުރެވުނު ހާއްސަ ކޮތަޅުތައް ބޭނުންކުރުން. މިއަދު ބޭއްވުނު ސެޝަނުން ލިބުނު މައުލޫމާތާއެކު އަޅުގަނޑު އުއްމީދަކީ މިރަށުގެ ސްކޫލް ކުދިންނަކީ ތިމާވެއްޓަށް އަހުލުވެރި، އަމިއްލައަށް އިސްނަގައިގެން ޕްލާސްޓިކް މަދުކުރުމަށް މަސައްކަތްކުރާ ބަޔަކަށްވުންދަނގެތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ހަދިޔާ ކުރުމުގެ ޕްރޮޕޯސަލް ކާމިޔާބު ކުރި އިބްރާހިމް ފަރުޝާން ވިދާޅުވިއެވެ.
މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.